ޑުރަގް ޓްރެފިކްކުރުމުގެ ދައުވާ ސާބިތުވި މީހަކު 75 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ޖަލަށްލާން ހުކުމްކޮށްފައިވަނީ ފުވައްމުލައް ސިޓީ/ ދޫޑިގަން، ގަސްދޮށުގެ، އަބްދުލްބާސިތު، 28އ. އެވެ.
އޭނާ ހައްޔަރުކުރީ، ފުވައްމުލަކަށް ޑުރަގް އެތެރެކޮށް އެ ތަކެތި ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާ އިން މަނީލޯންޑާކުރާ ނެޓްވޯކްތަކާ ދެކޮޅަށް ފުލުހުން ފަށާފައިވާ އޮޕަރޭޝަނެއްގެ ތެރެއިން 27 އޭޕްރިލް 2024 ގައެވެ. އެ އޮޕަރޭޝަންގައި އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރި އިރު، ގިނަ އަދަދެއްގެ ޑުރަގް ވެސް ފެނުނެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވީ 11 ޖޫން 2024 ގައެވެ. އަބްދުލްބާސިތުގެ މައްޗަށް މި މައްސަލަ ސާބިތުވެ އޭނާ 75 އަހަރަށް ޖަލަށް ލުމާއެކު ތިން ލައްކަ ރުފިޔާއިން ޖޫރިމަނާކުރަން ވަނީ އަމުރުކޮށްފަ އެވެ.
ފުލުހުން ބުނީ، މި އޮޕަރޭޝަނާ ގުޅިގެން ފުލުހުން ކުރަމުންދިޔަ ތަހުގީގުގެ ތެރެއިން، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑުރަގް ވިޔަފާރިކުރުމުގައި އިސްކޮށް ހަރަކާތްތެރިވާ ދެ ނެޓްވޯކްގެ އިސްފަރާތްތައް ހިމެނޭހެން، އެ ނެޓްވޯކްތަކާ ގުޅުން ހުރި 174 މީހުން އެކި ދުވަސްމަތިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
އަދި އެ މީހުންގެ މައްޗަށް 188 މައްސަލަ ތަހުގީގުކުރެވި 78 މައްސަލަ ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ބުންޏެވެ.
ފުލުހުން ބުނީ، ފުވައްމުލަކުގައި ފުޅާ ދާއިރާއެއްގައި ޑުރަގް ވިއްކައި ވިޔަފާރިކޮށް އެކަމުން ހޯދާ ފައިސާ އިން މަނީލޯންޑާކުރާކަމުގެ ތުހުމަތު ކުރެވޭ ދެ ނެޓްވޯކްގެ އިސްފަރާތްތަކާ މެދު ގިނަ އަދަދެއްގެ ފައިސާގެ މުއާމަލާތްތަކެއް ހިންގާފައިވާކަން ތަހުގީގަށް ހޯދިފައިވާ ކަމަށެވެ.
އެގޮތުން، އަބްދުލްބާސިތުގެ ނަމުގައި ބޭންކުތަކުގައި ހުޅުވާފައިވާ އެކައުންޓުތަކަށް އެކި ފަރާތަކުން ތިން މިލިއަނަށްވުރެ ގިނަ ރުފިޔާއާއި ނަވާރަހާހަށް ވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތްކޮށްފައިވާ ކަމަށާއި މި ފައިސާގެ މުއާމަލާތްތަކަކީ ޑުރަގުގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ފައިސާކަން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.




ގުޅުންހުރި
ނުރައްކާތެރި އެކްސިޑެންޓެއްގައި 16 އަހަރުގެ ކުއްޖަކު ނިޔާވެއްޖެ
މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ބަންގްލަދޭޝްގެ މީހަކު ހައްޔަރުކޮށްފި
ފުލުހުންގެ އިދާރާ ހިންގެވުން ފަރުހާދަށް
ޕިކަޕެއްގެ ދަށުގައި މަސައްކަތް ކުރަން އޮތް މީހެއްގެ ގައިމައްޗަށް ޕިކަޕު ވެއްޓި
އެލައިޑުން ކުރިއަށްގެންދާ ރައްކާ ކެމްޕޭން ހިންގަން ފުލުހުންނާއެކު ސޮއިކޮށްފި
އެކްސްކެވޭޓަރުން ކުނިތައް ނެގީ އަމީން މިއާގެ ހަށިގަނޑާއެކު، މަރުވީ ކުނިތަކާއެކު ވަޅުލެވިގެން!