ރައީސް މިއަދުވެސް ”ދޮރުންދޮރަށް“ ހަރަކާތަށް

ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސަައްކަތްކުރާ ކޮމިޓީގެ އިންތިހާބުގައި ސަރުކާރު ހިންގާ ޕީއެންސީގެ ފަރާތުން މާލެ ސިޓީ ކައުންސިލަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ކެމްޕޭނުގެ ތެރެއިން ހިންގާ ”ދޮރުންދޮރަށް“ ހަރަކާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދުވެސް ބައިވެރިވެވަޑައިގެންފިއެވެ.

ޕީއެންސީން މާލޭގެ މޭޔަރަކަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މާލޭގެ ގޮނޑިތަކަށް ވާދަކުރައްވާ ކެންޑިޑޭޓުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީއަށް ވާދަކުރާ ކެންޑިޑޭޓުންނާއެކު އެ ޕާޓީން ގެންދަނީ ކޮންމެ ދުވަހަކުވެސް ”ދޮރުންދޮރަށް“ ހަރަކާތް ހިންގަމުންނެވެ.

އެ ކެންޑިޑޭޓުންނާއި މިނިސްޓަރުންނާއި ރައްޔިތުންގެ މަޖިލީހުގެ ޕީއެންސީގެ މެންބަރުންނާއި ކުންފުނިތަކުގެ ވެރިންނާއެކު ރައީސް ވެސް ގެންދަވަނީ މިމަހުގެ 19 އިން ފެށިގެން މާލޭގެ ”ދޮރުންދޮރަށް“ ހަރަކާތުގައި ބައިވެރިވަޑައިގަންނަވަމުންނެވެ.

މިއަދު މެންދުރު ފެށި ހަރަކާތުގައި ރައީސް ވަނީ މާފަންނު މެދުގެ ބައެއް ގެތަކަށް ވަޑައިގެން އެ ގޭގައި ދިރިއުޅޭ މީހުންނާ ބައްދަލުކުރައްވައިފައެވެ.

ލޯކަލް ކައުންސިލު އިންތިހާބުގައި އެއް ޕާޓީއަކުން އެންމެ ގިނަ އަދަދެއްގެ މެންބަރުން ވާދަކުރަނީ ވެސް ވެރިކަން ހިންގާ ޕީއެންސީގެ ފަރާތުންނެވެ. އިންތިހާބަކާ ނުލައި ޖުމުލަ 69 ގޮނޑިއެއް ޕީއެންސީއަށް ކާމިޔާބުވެފައިވާ އިރު، އޭގެ ތެރެއިން 28 ގޮނޑިއަކީ ކައުންސިލުތަކުގެ ގޮނޑިތަކެވެ.

ލޯކަލް ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި 2,962 ކެންޑިޑޭޓުން ވާދަކުރެއެވެ.