ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އޭޕްރީލްގެ ނިޔަލަށް އިތުރުކޮށްފި 

މި ސަރުކާރުގެ ”ބޯހިޔާވަހިކަން އެންމެނަށް“ ސިޔާސަތުގެ ދަށުން ހުޅުވާލި ގޯއްޗާއި ފްލެޓަށް އެދި ހުށަހެޅުމުގެ މުއްދަތު އަންނަ އޭޕްރީލް މަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.

ހައުސިން މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ބިމާއި، ފްލެޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު މިހާރު އޭޕްރީލް 30 ވަނަ ދުވަހުގެ ރޭ 11:59 އަށް އިތުރުކޮށްފައިވާ ކަމަށެވެ.

”ބޯހިޔާވަހިކަން އެންމެންނަށް“ ސިޔާސަތުގެ ދަށުން ފްލެޓާއި ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ މަހުގެ 18 ވަނަ ދުވަހުއެވެ. އެ ސްކީމްގެ ދަށުން ގޯއްޗަށް އެދި ހުށަހެޅުމުގެ ފުރުސަތު ފުރަތަމަ ހުޅުވާލީ އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ފްލެޓަށް އެދި ހުށަހެޅުމަށް ހުޅުވާލީ އޭޕްރީލް މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެ ސްކީމަށް ގިނަ ބަޔަކު އަންނަނީ ހުށަހަޅަމުންނެވެ. އެގޮތުން ސްކީމަށް ހުޅުވާލިތާ ހަފުތާއެއްގެ ތެރޭ 1600 އަށްވުރެ ގިނަ މީހުން ވަނީ ހުށަހަޅައިފައެވެ.

އެ ސިޔާސަތުގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވަނީ 7900 ފުލެޓާއި 15،000 ގޯއްޗެވެ. އޭގެ ތެރެއިން 15،000 ގޯއްޗަކީ ރަސްމާލެއިން ދޫކުރާ ގޯތިތަކެވެ.

ފުލެޓު ދޫކުރުމުގެ އުސޫލުގައިވާ ގޮތުން ފުލެޓުތައް ވަނީ ވަކިވަކި ކެޓަގަރީތަކަކަށް ބަހާލައިފައެވެ. އެގޮތުން މާލޭ ރަށްވެހިންނަށް 4000 ފުލެޓު އަދި މާލޭގައި ރަށްވެހިވެފައި ނުވާ މާލޭގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް 1500 ފުލެޓު ވަނީ ހާއްސަކޮށްފައެވެ. އޭގެ އިތުރުން؛

  • 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި އެކަނިވެރި ބަފައިން – 100 ފުލެޓު
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް – 100 ފުލެޓު
  • އަލަތު ކައިވެނި ކުރާ ފަރާތްތައް / ޒުވާން އާއިލާތައް – 250 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޓެކްސީ ޑްރައިވަރުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ ފަރާތްތައް – 50 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ފަތުރުވެރިކަމުގެ ސިނާއަތުގައި ވަޒީފާ އަދާކުރާ މުވައްޒަފުން – 200 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ ޖުޑިޝަރީގެ މުވައްޒަފުން – 100 ފުލެޓު
  • މާލޭގައި އާއިލާ ބިނާކޮށްފައިވާ މަސްވެރިންގެ ދަފުތަރުގައި ހިމެނޭ ފަރާތްތައް – 100 ފުލެޓު
  • މައިމުޅަވުމުގެ ސަބަބުން ގޯތިގެދޮރު މިލްކުކުރުމުން މަހުރޫމުވެފައިވާ ފަރާތްތައް – 50 ފުލެޓު
  • ވެށިފަހި މާލެ އާއި ހިޔާ މަޝްރޫޢުން ފުލެޓް ލިބޭނެކަމުގެ ލިޔުން ލިބި، އެ ލިޔުމާ އެއްގޮތަށް ފުލެޓް ހަވާލުކޮށްފައިނުވާ ފަރާތްތައް – 300 ފުލެޓު
  • ދިރިއުޅޭނެ ބޯހިޔާވަހިކަމެއް ނެތި މާލޭގައި ދިރިއުޅެމުންދާ ފަގީރު އާއިލާތަކަށް ބޯހިޔާވަހިކަމާއި ރައްކާތެރިކަން ކަށަވަރުކުރުމަށް މިނިސްޓްރީން ކަނޑައަޅާ ދައުލަތުގެ މުއައްސަސާއަކުން ހަދާ އެސެސްމަންޓަކުން ސަރުކާރުން ބޯހިޔާވަހިކަން ފޯރުކޮށްދޭންޖެހޭ ކަމަށް ކަނޑައަޅާ ފަރާތްތައް – 50 ފުލެޓު

އޭގެ އިތުރުން ދައުލަތުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ މީހުންނަށް ވެސް ވަކި އަދަދުތަކަކަށް ފުލެޓު ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ؛

  • ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
  • ރައްޔިތުންގެ މަޖިލީހުގެ އިދާރާ
  • ފުލުހުން
  • ސިފައިން
  • ސިވިލް ސާވިސް މުވައްޒަފުން
  • އެޓާނީ ޖެނެރަލްގެ އޮފީސް
  • ފޮރިން ސާވިސް
  • ޖުޑިޝަލް ސާވިސް ކޮމިޝަން
  • އިލެކްޝަންސް ކޮމިޝަން
  • ސިވިލް ސާވިސް ކޮމިޝަން
  • ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް
  • އެންޓި ކޮރަޕްޝަން ކޮމިޝަން
  • އޮޑިޓާ ޖެނަރަލް އޮފީސް
  • ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް
  • މޯލްޑިވިސް މަނިޓަރީ އޮތޯރިޓީ
  • މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
  • މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
  • ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން
  • މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  • ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ
  • ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ
  • މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރު
  • ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީސް
  • އިންސްޓިޓިއުޓް އޮފް ޗާޓާޑް އެކައުންޓަންޓަސް އޮފީސް
  • ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
  • ވަޒީފާއާބެހޭ ޓްރައިބިއުނަލް
  • ލޯކަލް ގަވަމަންޓް އޮތޯރިޓީ
  • ޓެކްސް އެޕީލް ޓްރައިބިއުނަލް