މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތައް ދޮގުކޮށްފި 

މާލެ ސިޓީ ކައުންސިލުން ފާސްނުކޮށް، މާލެ އާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރި ކަމަށް ދެކެވޭ ވާހަކަތައް އެ ކައުންސިލުން ދޮގުކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލުން ފާސްނުކޮށް، މާލެއާއި ވިލިމާލޭގެ މަގުތަކުގައި ނަންބޯޑު ޖެހުމަށް 25 މިލިއަން ރުފިޔާއަށް ބަޔަކާ ހަވާލުކުރިކަމަށް މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޢަރީޝްއާ ހަވާލާދީ، ”ދުވެލި“ އޮންލައިން ނޫހުގައި މިއަދު ޝާއިއުކޮށްފައިވަނީ ދޮގު ހަބަރެއް ކަމަށެވެ.

މާލޭގެ މަގުތަކުގައި ނަންބޯޑު ހަރުކުރުމަކީ މެއި 2021 ގައި ކައުންސިލުން ފާސްކޮށްފައިވާ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ 3.14 ގައި ބަޔާންކޮށްފައިވާ މުހިންމު މަސައްކަތެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

”މި މަސައްކަތް ކުރިއަށްގެންދަނީ 07 އޮކްޓޯބަރު 2025 ގައި ގެޒެޓުގައި އިއުލާންކޮށް، 19 އޮކްޓޯބަރު 2025 ގައި 7 ފަރާތަކުން ކުރިމަތިލައި އޭގެ ތެރެއިން އެންމެ ގިނަ މާކްސް ލިބުނު ފަރާތުން ހުށަހަޅާފައިވާ އަގު ކަމުގައިވާ 3,988,290.96 (ތިން މިލިއަން ނުވަ ލައްކަ އައްޑިހަ އައްހާސް ދުއިސައްތަ ނުވަދިހަ ރުފިޔާ ނުވަދިހަ ހަ ލާރި) އަށެވެ،“ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.

ކައުންސިލުން ބުނީ ޑެޕިއުޓީ މޭޔަރާ ހަވާލާދީ ރިޕޯޓުކޮށްފައިވާ 25 މިލިއަން ރުފިޔާގެ އަދަދަކީ، އެ މަސައްކަތަށް ކުރިމަތިލި ހަތް ފަރާތުން ހުށަހަޅާފައިވާ އަގުތައް އެއްކުރީމާ ނުކުންނަ ޖުމުލަ އަދަދު ކަމަށާއި އެ މަސައްކަތް ހިންގަނީ ހަތް ކުންފުންޏަކާ ހަވާލުކޮށްގެން ނޫން ކަމަށެވެ.

އެހެންކަމުން، މާލެ ސިޓީ ކައުންސިލާއި ކައުންސިލުގެ މުވައްޒަފުން ބަދުނާމުވާ ގޮތަށް ހަގީގަތާ ހިލާފު މައުލޫމާތުދިނުމުން ކަންބޮޑުވުން ފާޅުކުރާ ކަމަށާއި ކައުންސިލުގެ ޖަލްސާތަކަށް ފަރުވާތެރިކަމާއެކު ގަަވާއިދުން ހާޒިރުވެ، އެކަށީގެންވާ ގޮތުގައި ކައުންސިލްގެ މަސައްކަތުގައި ބައިވެރިވެ ވަޑައިގެންނެވޭ ނަމަ، ކަން ހިނގާ ގޮތް ރަނގަޅަށް ސާފުވުން ބޮޑުވާނެ ކަމަށެވެ.

އަދި ނޫސްތަކުން ހަބަރު ގެނެސްދޭ އިރު، ކަމާބެހޭ ސައްހަ މައުލޫމާތު އިތުބާރު ހުރި މަސްދަރުތަކުން ސާފުކުރުން މުހިންމު ކަމަށް ވެސް މާލެ ސިޓީ ކައުންސިލުގެ ބަޔާނުގައި ބުންޏެވެ.