އިދިކޮޅު އެމްޑީޕީގެ ކެންޑިޑޭޓުން ހޮވައިފި ނަމަ، އެ ކައުންސިލުތަކުން ދެން ވެސް މަސައްކަތްކުރާނީ ސަރުކާރާ އިދިކޮޅަށްކަން ޔަގީންވާ ކަމަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.
ޕީއެންސީގެ ހދ. އަތޮޅުގެ މާލޭގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނައިބު ރައީސް ވިދާޅުވީ ކައުންސިލުތައް ވާންޖެހޭ ސަރުކާރާއެކު މަސައްކަތްކުރަން ދަންނަ ބަޔަކަށް ކަމަށާއި ސަރުކާރަށް ތާއީދުކުރާ ކެންޑިޑޭޓުން ހޮވުން މުހިންމު ކަމަށެވެ.
ކުރި އުނދަގުލަކީ ކޮބައިކަމާއި، ދެން ވެސް އިންތިހާބުކޮށްގެން ކުރާނެ އުނދަގުލަކީ ކޮބައިތޯ އިދިކޮޅު ފަރާތްތަކުން ސުވާލުކުރަމުންދާ ކަމަށާއި ނަމަވެސް މިހާރުވެސް އެ ވާހަކަތައް ދައްކަމުން އެ ދަނީ ސަރުކާރަށް އެއްބާރުލުން ދިނުމެއްނެތި ކަމަށެވެ. އަދި ކައުންސިލުތަކަށް ހޮވިގެން ދެން ވެސް އެމްޑީޕީގެ ކައުންސިލަރުން މަސައްކަތްކުރާނީ ސަރުކާރާ އިދިކޮޅަށްކަން ޔަގީންވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
ނައިބު ރައީސް ވިދާޅުވީ ގާނޫނީ ހަމަތަކުގެ ތެރެއިން، ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ މަސައްކަތް ކުރިއަށްދާ އިރު، އެމްޑީޕީން މަސައްކަތްކުރަނީ ކެމްޕޭންކުރުމުގެ ބަދަލުގައި މުޒާހަރާތަކަށް ނުކުމެ، ހަމަނުޖެހުން ގާއިމުކުރުމަށް ކަމަށެވެ.
ތަރައްގީ ގެނެވޭނީ ތަރައްގީގެ ފިކުރާ އެއްގޮތަށް މަސައްކަތްކުރާ ބަޔަކު ކައުންސިލުތަކަށް ހޮވިގެން ކަމަށާއި ސަރުކާރަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުންނަކީ ޕީއެންސީގެ ކެންޑިޑޭޓުން ކަމަށެވެ. އެހެންކަމުން ޕީއެންސީގެ ކެންޑިޑޭޓުން ކައުންސިލުތަކަށް އިންތިހާބުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.



