ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައި މަޖިލީހަށް އީ-ޕެޓިޝަނެއް 

ބަންޑާރަ މިސްކިތް ތަޅާލައި ޒަމާނީ އާ މިސްކިތެއް އެޅުމުގެ މަސައްކަތްކުރާތީ، އެ މިސްކިތް ހިމާޔަތްކުރަން ގޮވާލައި ރައްޔިތުންގެ މަޖިލީހަށް އީ-ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު، އެކްސްގައި މިމަހުގެ ހަވަނަ ދުވަހު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މާލެ ބަންޑާރަ މިސްކިތް ހުރި ތަނުގައި ޒަމާނީ ބޮޑު މިސްކިތެއް އެޅުމުގެ މަސައްކަތް ރޯދަމަސް ފަހުން ފެށިގެންދާނެ ކަމަށާއި އެކަމަށް ބޭނުންވާ އެހީތެރިކަން ދީލަތި ފަރާތަކުން ހަމަޖެހިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ބަންޑާރަ މިސްކިތަކީ 98 އަހަރުވެފައިވާ މާލޭގެ މުހިންމު ދީނީ، ތާރީހީ، ސަގާފީ ބިނާއެއް ކަމަށްބުނެ ގިނަ ބަޔަކު ވަނީ އެތަން ހިމާޔަތްކުރުމަށް ސޯޝަލް މީޑިއާގައި ގޮވާލައިފައެވެ.

ބަންޑާރަ މިސްކިތް ހިމާޔަތްކުރުމަށް ގޮވާލައި، އެ ޕެޓިޝަންގައި ސޮއިކުރުމަށް ހުޅުވާލާފައިވަނީ އިއްޔެއެވެ. އެ ޕެޓިޝަންގައި ބުނެފައިވަނީ، އިނގިރޭސި ހިމާޔަތުގެ އަޅުވެތިކަމަށް ދިއުމާއި، އެ އަޅުވެތިކަމުން މިނިވަންވުމުގައި އެ ބަންޑާރަ މިސްކިތާ ގިނަ މާނައެއްގައި ގުޅިފައިވާތީ އެ މިސްކިތް ހިމާޔަތްކުރަން ޖެހޭ ކަމަށެވެ.

އެ ޕެޓިޝަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބުގައި މާލޭ ސިޓީގެ މާފަންނު އުތުރު ދާއިރާގެ ގޮނޑިއަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ ހުސައިން ފުރުޝާނެވެ. އެއީ އީ-ޕެޓިޝަނަކަށްވާތީ، ކޮންމެ މީހަކަށް ވެސް ސޮއިކުރުމަށް 42 ދުވަހުގެ މުއްދަތެއް ލިބޭނެއެވެ.

ބަންޑާރަ މިސްކިތް ހިމާޔަތްކުރުމުގެ އަޑުގަދަވެފައިވަނިކޮށް، އެ މަސައްކަތް ކުރިއަށްގެންދާނެ ކަމަށް ވިދާޅުވުމަށްފަހު މިނިސްޓަރު ޝަހީމް ފަހުން ވިދާޅުވެފައިވަނީ ބަންޑާރަ މިސްކިތް ހުރި ތަނުގައި އާ މިސްކިތެއް އެޅުމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކުރައްވާނެ ކަމަށެވެ.