ހަމަލާތަކުގައި އީރާނުގެ 193 ކުއްޖަކު މަރުވެއްޖެ, އަށްމަހުގެ ތުއްތު ކުއްޖަކު ވެސް ހިމެނޭ!

އެމެރިކާ އާއި އިޒްރޭލު އިސްވެ އޮވެ އީރާނަށް ދޭން ފެށި ހަމަލާތަކުގައި މިހާތަނަށް 193 ކުއްޖަކު މަރުވެފައިވާ ކަމަށް އީރާން ސަރުކާރުން ބުނެފި އެވެ.

ހަމަލާތަކުގައި މަރުވި ކުޑަކުދިންގެ ފޮޓޯ ހިމެނޭ ބޯޑެއްގެ ކުރިމަތީގައި ހުރެ އީރާން ސަރުކާރުގެ ތަރުޖަމާން ފާތިމާ މޮހާޖެރާނީ ވިދާޅުވީ, މަރުވި ކުދިންގެ ތެރޭގައި އަށްމަހުގެ ތުއްތު ކުއްޖަކުވެސް ހިމެނޭ ކަމަށެވެ. އަދި ހަމަލާތަކުގައި ހަތަރު މަހުގެ ތުއްތު ކުއްޖަކަށް އަނިޔާވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މޮހާޖެރާނީ އިތުރަށް ވިދާޅުވީ, ހަމަލާތަކުގައި 11 ހެލްތްކެއާ ވޯކަރަކުވެސް މަރުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން 52 ހެލްތްކެއާ ސާވިސް ޔުނިޓަކާއި 29 މެޑިކަލް ފެސިލިޓީއަކާއި 19 އެމަޖެންސީ ޔުނިޓު އަދި 16 އެމްބިއުލާންސަކަށް އެމެރިކާ އާއި އިޒްރޭލުން ހަމަލާދީފައިވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އޭގެ ތެރެއިން ހަތަރު އެމްބިއުލާންސާއި ރެސްކިއު ހެލިކޮޕްޓަރެއް ހަލާކުވެފައިވާ ކަމަށް މޮހާޖެރާނީ ވިދާޅުވި އެވެ.