އަބްދުﷲ ހަލީލް

ހަލީލު، އެމްޑީޕީއަށް: އިންތިހާބުތަކާ ކުރިމަތިލާން ބިރު ގަންނަންޏާ އަވަހަށް އެއް ކައިރިވޭ

އިންތިހާބުތަކާ ކުރިމަތިލާން ބިރު ގަންނަ ކަމަށްވަންޏާ އަވަހަށް އެއް ކައިރިވާންވީ ކަމަށް ވިދާޅުވެ، އިދިކޮޅު އެމްޑީޕީއަށް ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.

ކުރިއަށްއޮތް ލޯކަލް ކައުންސިލު އިންތިހާބަށް ޕީއެންސީގެ ހުޅުމާލެ މެދު ދާއިރާގެ ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ހަލީލު ވިދާޅުވީ އަބަދުވެސް މަސައްކަތްކުރަންވާނީ ރައްޔިތުންނަކީ ޑިމޮކްރަސީގެ އެންމެ މުހިންމު އަސާސްކަމުގައި ދަނެގެން ކަމަށެވެ.

އެހެންވީމާ އެއް ދުވަހެއްގައި މި އޮންނަ ތިން އިންތިހާބަށް ކުރިމަތިލާން ނުކުރޭ ފަރާތްތައް އަވަހަށް އެއް ކައިރިވާން ޖެހޭ ކަމަށާއި މި އުޅެނީ ތަފާތު ބޮޑު ކަންތައްގަނޑެއް ކުރަން ނޫން ކަމަށެވެ. އަދި ދިވެހި ރައްޔިތުން ތިބީ ހުރިހާ ކަމެއްގައި ވެސް ހޭލާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

”ރައްޔިތުންނާ ހިސާބަށް ދިއުމަށް ބިރު ގަންނަ ކަމަށްވަންޏާ، މާނައަކީ ސިިޔާސީ ކަންކަމަށް ކުފޫ ހަމަނުވަނީ. އެއްކައިރި ވެވަޑައިގަންނަވަންވީ އެގޮތަށް ވާހަކަފުޅުދައްކަވާ ހުރިހާ ބޭފުޅުން ވެސް،“ މިނިސްޓަރު ވިދާޅުވިއެވެ.

ހަލީލު ވިދާޅުވީ ލޯކަލް ކައުންސިލު އުފެދުނީއްސުރެ ކައުންސިލު އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބާއްވަނީ އެއް ދުވަހެއްގައި ކަމަށާއި އެހެންކަމުން އެއް ދުވަހެއްގައި ދެ އިންތިހާބު ބާއްވައިގެން މިހާތަނަށް މައްސަލައެއް ނުނުކުންނަކަން ވިސްނެންވާނެ ކަމަށެވެ.

އެއް ދުވަހެއްގައި ދެ އިންތިހާބު ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުން ނިންމެން އޮތް ކަމަށާއި ނަމަވެސް ރައްޔިތުން ކައިރީ އެކަމުގައި އަހަނީ މި ސަރުކާރުން އިހުލާސްތެރިވީމަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.