ދެ އިންތިހާބު އެއް ދުވަހެއްގައި ބާއްވަން އެމްޑީއޭގެ ތާއީދު 

ސަރުކާރުން ބޭނުންވާ ގޮތަށް ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދުކުރަން ނިންމައިފައެވެ.

ލޯކަލް ކައުންސިލު އިންތިހާބާއެކު އަންނަ މަހުގެ 4 ގައި ބާއްވާ ހިޔާލު ހޯދުމުގެ ވޯޓާ ގުޅޭގޮތުން އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރިޔާސީ އިންތިހާބާއި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް ފުރިހަމައަށް ތާއީދުކުރާ ކަމަށެވެ.

ރާއްޖޭގެ އިގުތިސާދީ ހާލަތާއި، ގައުމުގެ ސުލްހަމަސަލަސްކަމަށް ރިއާޔަތްކުރާ އިރު، ދިވެހި ދައުލަތަށާއި ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތަކީ ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުން ކަމަށް އެމްޑީއޭ އިން ބުންޏެވެ.

އެމްޑީއޭ އިން ބުނީ އެ ޕާޓީގެ ރައީސް އަހުމަދު ސިޔާމް މުހައްމަދަކީ، ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު މަތިކުރުމަށާއި އިގުތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް، ބޭނުންވާ ޒިންމާދާރު ސިޔާސަތުތައް، އެކަށައެޅުއްވުމަށް ވަކާލާތުކުރައްވާ ބޭފުޅެއް ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ހައިސިއްޔަތުންނާއި ރާއްޖޭގެ ފުންނާބުއުސް ވިޔަފާރިވެރިއެއްގެ ހައިސިއްޔަތުން ސިޔާމް އަބަދުވެސް ގައުމުގެ އިގުތިސާދީ ހަމަޖެހުމާއި އިޖުތިމާއީ ބަދަހިކަމަށް އިސްކަންދެއްވާ ކަމަށް އެ ޕާޓީން ބުންޏެވެ.

އިންތިހާބުތައް އެއްކޮށްލުމަކީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރުމަށް ލިބޭނެ ވަރަށް ބޮޑު ފުރުސަތެއްކަމަށް ސަރުކާރުން ބުނާ ބުނުމަށް އެ ޕާޓީން އިއުތިރާފުވާ ކަމަށާއި އެހެންކަމުން މިއީ އިގުތިސާދީ ދެމެހެއްޓެނިވިކަމާއި ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅަކަށް ވާތީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވުމަށް ސަރުކާރުން ނިންމި ނިންމުމަށް މަރުހަބާ ކިޔާ ކަމަށް އެމްޑީއޭ އިން ބުންޏެވެ.

އޭގެ އިތުރުން ހަރަދުތައް ކުޑަކޮށް އިގުތިސާދު ވަރުގަދަކުރުމުގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކަކުން ގުޅިގެން މަސައްކަތްކުރުމަށްވެސް ގޮވާލާ ކަމަށް އެ ޕާޓީގެ ބަޔާނުގައި ބުންޏެވެ.

އެމްޑީއޭ އަކީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށްފަހު، ދެވަނަ ބުރުގައި މިހާރުގެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ތާއީދުކުރި ޕާޓީއެކެވެ. ނަމަވެސް ފަހުން އަނެއްކާވެސް ސަރުކާރާ ދެމެދު ހިޔާލުތަފާތުވުންތަކެއް އުފެދި، ބޮޑެތި ފާޑުކިޔުންތަކެއް ވެސް ވަނީ އަމާޒުކޮށްފައެވެ.