މި އަހަރުގެ އީދުވެސް ކުލަގަދަކޮށް ފާހަގަކުރަނީ، އީދު ހަވީރު ތިން ދުވަހަށް ކުރިއަށްދާނެ

މި އަހަރުގެ އީދު ދުވަސް ވެސް ތިން ދުވަހަށް ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އީދުގެ އުފަލުގައި އާއިލާތައް އެކުވެރި މާހައުލެއްގައި ބައްދަލުވެ، އީދު އުފާ ފާހަގަކުރުމުގެ ގޮތުން އީދު ހަވީރު ބާއްވަނީ އެމްއެންޑީއެފްގެ ބެލުމުގެ ދަށުންނެވެ.

އެގޮތުން އީދު ހަވީރުގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ސަރުކާރުގެ 10 ކުންފުންޏަކުން ބައިވެރިވާނެ އެވެ. އޭގެ ތެރޭގައި ސްޓެލްކޯ، އެމްޑަބްލިޔުއެސްއީ، ވެމްކޯ، އެމްޕީއެލް، އެޗްޑީސީ، އެސްޓީއޯ، އެމްއޭސީއެލް، އާރުޑީސީ، އެމްޓީސީސީ އަދި މިފްކޯ ހިމެނެ އެވެ.

މި އަހަރުގެ އީދު ހަވީރު ފެށިގެންދާނީ ފިތުރު އީދު ދުވަހުގެ ހަވީރު 4:00 ޖަހާއިރު އެވެ. އަދި ތިން ދުވަހަށް ކޮންމެ ދުވަހެއްގެ ހަވީރު 4:00 އިން 6:00 އަށް މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ކުރިއަށްދާނެ އެވެ.

މާލޭގައި އީދު ހަރަކާތްތައް އޮންނާނީ އިސްލާމީ މަރުކަޒުގެ ބޭރުގައިވާ މާބަލް ސަރަހައްދުން ފެށިގެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑު ފާލަމުގެ ސަރަހައްދު ހިމެނޭ ގޮތަށެވެ. އީދު ހަވީރު ދެން އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާކާއި ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދާއި ވިލިމާލެ ފުޓްބޯޅަ ދަނޑުގައެވެ.

އެމްއެންޑީއެފުން ބުނީ، މި އަހަރުގެ ހަވީރުގައި އެކި ކަހަލަ ހަރަކާތްތަކާއި ކުޅިވަރުތަކުގެ އިތުރުން މުނިފޫހިފިލުވުމާއި އީދު ހަދިޔާ ދިނުން އޮންނާނެ ކަމަށެވެ. އަދި ދައުލަތުގެ އެކި މުއައްސަސާތަކާއި ވިޔަފާރި ކުންފުނިތަކުން ތައްޔާރުކުރާ ސްޓޯލްތަކުން ތަފާތު އެކި ގޭމްތަކާއި ކުޅިވަރު ހަރަކާތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ބުންޏެވެ.