އެލައިޑުގެ ”އައިފޯން ޑްރޮޕް ގިވްއަވޭ“ އާ ގުޅުވައިގެން ސްކޭމެއް، ސަމާލުވޭ! 

އެލައިޑް އިންޝުއަރެންސް އިން ކުރިއަށްގެންދާ ”އައިފޯން ޑްރޮޕް ގިވްއަވޭ“ އާ ގުޅުވައިގެން ސްކޭމެއް ހިންގަމުންދާތީ އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އިލްތިމާސްކޮށްފިއެވެ.

އެކަމާ ގުޅިގެން އެލައިޑުން މިއަދު ބުނީ ”އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ“ ގެ ބައިވެރިންނަށް އަމާޒުކޮށް، އޮޅުވާލައިގެން މައުލޫމާތު ހޯދުމަށް ސޯޝަލް މީޑިއާގައި ހަރަކާތްތެރިވަމުންދާ ފޭކް އެކައުންޓްތަކަކާ މެދު ސަމާލުވުމަށް ދަންނަވާ ކަމަށާއި އެ ފަރާތްތަކުން ދަނީ ގޫގުލް ފޯމެއް ފުރުމަށް ބައިވެރިންނަށް މެސެޖުކުރަމުން ކަމަށެވެ.

އެ މުބާރާތުގެ ބައިވެރިން ގޫގުލް ފޯމެއް ފުރުމަށް ނުވަތަ ބޭރުގެ އެއްވެސް ލިންކަކަށް މައުލޫމާތު ފޮނުވުމަށް އެލައިޑް އިންޝުއަރެންސްގެ ފަރާތުން އެދިފައި ނުވާނެ ކަމަށާއި އެހެންކަމުން، އަމިއްލަ މައުލޫމާތު ހިއްސާކުރުމަށް އެދި ނުރަސްމީ ފަރާތްތަކުން ފޮނުވާ މެސެޖުތަކަކީ އެލައިޑާ އެއްވެސް ގުޅުމެއް ހުރި މެސެޖުތަކެއް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.

”މިފަދަ އެކައުންޓްތަކުން ފޮނުވާ އެއްވެސް ފޯމެއް ނުފުރުމަށާއި، އަމިއްލަ އެއްވެސް މައުލޫމާތެއް ހިއްސާ ނުކުރުމަށް ބައިވެރިންނަށް ވަރަށް ބޮޑަށް އިލްތިމާސްކުރަމެވެ. ”އެލައިޑް އައިފޯން ޑްރޮޕް ގިވްއަވޭ“ އާ ގުޅޭ ހުރިހާ ރަސްމީ މުއާމަލާތެއް ކުރިއަށްދާނީ ހަމައެކަނި އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް @allied.mv މެދުވެރިކޮށެވެ..،“ އެލައިޑުން ބުންޏެވެ.

އެލައިޑުން ބުނީ އެ ގިވްއަވޭއާ ގުޅިގެން އެލައިޑްގެ ނަމުގައި ޝައްކުކުރެވޭ ފަދަ އެއްވެސް މެސެޖެއް ލިބިއްޖެނަމަ، އެ މެސެޖަކަށް އިޖާބަ ނުދީ، އެ އެކައުންޓެއް ރިޕޯޓްކުރުމަށްފަހު ވީ އެންމެ އަވަހަކަށް އެލައިޑަށް އެކަން އެންގުމަށް އެދޭ ކަމަށެވެ.

އެލައިޑް އިންޝުއަރެންސްގެ އެންމެ ބޮޑު އިސްކަމަކީ ކަސްޓަމަރުންގެ ރައްކާތެރިކަމާއި އިތުބާރު ދެމެހެއްޓުން ކަމަށާއި އެފަދަ އޮންލައިން މަކަރާއި ހީލަތުގެ އަމަލުތަކަށް ސަމާލުވުމަށް ހަނދާންކޮށްދޭ ކަމަށެވެ.

އިތުރު މައުލޫމާތާއި ސައްހަ މައުލޫމާތު ހޯދުމަށް އެލައިޑްގެ ރަސްމީ އިންސްޓަގްރާމް އެކައުންޓް @allied.mv ފޮލޯ ކުރުމަށް އެ ކުންފުނިން އެދެއެވެ.