ހޮރްމުޒް ކަނޑުއޮޅިން ”ލީޓަރެއްގެ ތެޔޮވެސް“ ބޭރުވިޔަ ނުދޭނެ ކަމަށް އީރާނުގެ ސަލާމަތީ ބާރު، އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރުޖީސީ) އިން ބުނެފިއެވެ.
އެމެރިކާ އާއި އިސްރާއީލުން އީރާނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން މި ހަފުތާގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ.
”ތެޔޮ ފީފާއެއްގެ އަގު 200 ޑޮލަރަށް އަރާނެ ކަމަށް ބެލެވޭ. ތެލުގެ އަގު ބިނާވެފައިވަނީ ސަރަހައްދީ ސަލާމަތާއި ރައްކާތެރިކަމުގެ މައްޗަށް. މި ސަރަހައްދުގެ ނާމާންކަމުގެ މައިގަނޑު އަސްލަކީ ތިއީ [އިސްރާއީލާއި އެމެރިކާ]. ތިޔަ ފަރާތްތަކަށް ތެލުގެ އަގު ދަށްކުރެވޭކަށް ނޯންނާނެ،“ އިސްރާއީލާއި އެމެރިކާއަށް ނިސްބަތްކޮށް، އައިއާރުޖީސީގެ ޚާތަމުލް އަންބިޔާ ހެޑްކުއާޓާޒްގެ ތަރުޖަމާނު ނެރުއްވި ބަޔާނެއްގައި ވިދާޅުވިއެވެ.
ދުނިޔޭގެ ތެޔޮ ސަޕްލައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައި ދަތުރުކުރާ ހޮރްމުޒް ކަނޑުއޮޅި ބަންދުވުމާއެކު ތެޔޮ ސަޕްލަޔަށް އިތުރު ބުރޫތަކެއް އަރާފާނެކަމުގެ ކަންބޮޑުވުންތައް ވަނީ އިތުރުވެފައެވެ.
ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ބުދަ ދުވަހު ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތިން އުޅަނދަކަށް ވަނީ ހަމަލާދީފައެވެ. އޭގެ ތެރޭގައި އޮމާންގެ އުތުރުން ދަތުރުކުރި ތައިލެންޑްގެ ދިދަ ޖަހާފައިވާ މުދާ އުފުލާ ބޯޓެއްވެސް ހިމެނެއެވެ.
އީރާނުން ބުނީ ހޮރްމުޒް ކަނޑުއޮޅިން ދަތުރުކުރާ އެމެރިކާއާއި އިސްރާއީލާ ނުވަތަ އެ ދެ ގައުމުގެ ބައިވެރިންނާ ގުޅުންހުރި ކޮންމެ އުޅަނދަކީ ”ޝަރުއީ އަމާޒެއް“ ކަމުގައި ބެލެވޭނެ ކަމަށެވެ.


