ތެލުގެ އަގު އުފުލެމުންދާތީ ގައުމުތަކުން ހަރަދު ކުޑަކުރަން ފަށައިފި

އެމެރިކާ އާއި ޔާހޫދީ އިޒްރޭލު އިސްވެ އޮވެ، އީރާންއާ ދެކޮޅަށް ދެމުންދާ ހަމަލާގެ ސަބަބުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް  ބޮޑު ލޮޅުމެއް އަރައި، ގައުމުތަކުގެ ސަރުކާރުތަކުން ކުއްލި ނުރައްކަލުގެ ފިޔަވަޅުތައް އަޅަން ފަށައިފި އެވެ.

ހަގުރާމަ އާއެކު ކުރިމަތިވެފައިވާ އިގްތިސާދީ މި ނާޒުކު ޙާލަތުން ދުނިޔޭގެ ގައުމުތަކުގެ އިޤުތިޞާދު އަރައިގަތުމަށްޓަކައި އެންމެ ކުރިއަރާފައިވާ ހަތް އިޤުތިޞާދުގެ މައްޗަށް އެކުލެވިގެންވާ ގްރޫޕް އޮފް ސެވަން (ޖީ7)ގެ ޤައުމުތަކުގެ މާލީ ވަޒީރުން ވަނީ ކުއްލި ބައްދަލުވުމެއް ބާއްވަވައި، ޤައުމުތަކުގެ އިމަރޖެންސީ ރިޒަރވްގައި ރައްކާކޮށްފައި ހުރި ތެޔޮ ބާޒާރަށް ނެރުމާ މެދު މަޝްވަރާ ފަށްޓާފައެވެ.

ހަމަ އެއާއިއެކު ވަކިވަކި ޤައުމުތަކުން އަޅަމުންދާ ފިޔަވަޅުތަކަށް ބަލައިލާއިރު، އަޅުގަނަޑުމެންނާއި ގާތް ބައެއްގައުމުތަކުންވެސް ވަނީ މި ނާޒުކުހާލަތުން އަރައިގަތުމަށް އަވަސްފިޔަވަޅުތަކެއް އަޅަން ފަށާފައެވެ.

އެގޮތުން ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް، ވަނީ ހާލަތަށް ރިޢާޔަތްކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރުމަށް ކުއްލި ފިޔަވަޅުތަކެއް ޢިއުލާންކުރައްވާފައެވެ. މި ފިޔަވަޅުތަކުގެ ތެރޭގައި ދެ ހަފްތާ ދުވަހަށް ސްކޫލްތައް ބަންދުކުރުމާއި، ސަރުކާރުގެ ތެޔޮ ބޭނުންކުރުން ވަރަށް ބޮޑަށް މަދުކުރުން ހިމެނެއެވެ.

އީރާނާ ދެކޮޅަށް ކުރެވެމުންދާ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު ހިފެހެއްޓުމެއް ނެތި މައްޗަށް ދިޔުމުން ޕާކިސްތާނުގެ ނާޒުކު އިޤްތިޞާދަށް ބޮޑު ނުރައްކަލެއް ވަނީ ކުރިމަތިވެފައިވެއެވެ.

ޓީވީ މެދުވެރިކޮށް މެދުވެރިކޮށް ދެއްވި ޚިތާބެއްގައި ޝަރީފް ވިދާޅުވީ، ހަކަތައިގެ ބޮޑުއިންސައްތައެއް އެތެރެކުރާ ޤައުމެއްގެ ގޮތުގައި އޮތް ޕާކިސްތާނަށް ހަކަތައިގެ ޚަރަދުތައް ހިފެހެއްޓުމަށް، ތެލުގެ ބޭނުން ކުޑަކޮށް ސަރުކާރުގެ ޚަރަދުތައް ވަގުތުން ވަގުތަށް ތިރިކުރަން ޖެހިފައިވާ ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ހަފްތާ ފެށިގެން ދެ ހަފްތާ ދުވަހަށް ހުރިހާ ސްކޫލެއް ބަންދުކުރެވޭނެ ކަމަށާއި، ދަތުރުފަތުރާއި ތެލުގެ ބޭނުން ކުޑަކުރުމުގެ ގޮތުން ޔުނިވަރސިޓީތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. ހަމައެއާ އެކު، ދެ މަސް ދުވަހަށް ތެލުން ޢިނާޔަތް 50 އިންސައްތަ ކުޑަކުރެވޭނެ ކަމަށާއި، ބަސް އަދި އެމްބިއުލެންސް ފިޔަވައި ސަރުކާރުގެ 60 އިންސައްތަ ވެހިކަލްތަކުގެ ދަތުރުތަށް ކުރުން މަދުކުރުމަށް ވަނީ ނިންމާފައެވެ.

އަދި ޒަރޫރީ ޚިދުމަތްތައް ފިޔަވައި ސަރުކާރުގެ އިދާއިރާތަކަށް ހަފްތާ ހަތަރު ދުވަހުގެ މަސައްކަތު ދުވަސްތަކެއް ތަޢާރަފްކޮށް، ހަމައެކަނި 50 އިންސައްތަ މުވައްޒަފުން ސީދާ ޤައިދުގައި ޙާޟިރުވެ ތިބެ މަސައްކަތްކުރުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދުނިޔޭގެ ހަކަތައިގެ ކާރިސާ ތެރޭ ޤައުމުގެ އިޤްތިޞާދު ހަމައަކަށް އެޅުވުމަށް ކުރެވޭ މަސައްކަތުގެ ތެރެއިން، ވަޒީރުންނާއި ސަރުކާރުގެ މަތީ ފަންތީގެ ވެރިން ގައުމުން ބޭރަށް ކުރާ ދަތުރުތައް ވެސް ބޮޑު ތަނުން ވަނީ މަދު ކުރެވިފައެވެ.

މީގެ އިތުރުން އަވައްޓެރި ބަންގްލަދޭޝުން ވެސް ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ ހަކަތައިގެ ކާރިސާއިން ސަލާމަތްވުމަށް ޓަކައި، ކަރަންޓާއި ތެޔޮ އިޤުތިޞާދު ކުރުމަށް މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި ގޮތުން، ބަންގްލަދޭޝްގެ ހުރިހާ ޔުނިވަރސިޓީތަކާއި ކޮލެޖުތައް ހުސްވި ބުދަދުވަހުން ފެށިގެން ބަންދުކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. ބަންގްލަދޭޝްގައި ބޭނުންކުރާ ތެލުގެ %95 އިންޕޯޓު ކުރަނީ މެދު އިރުމަތީގެ ގައމުތަކުންނެވެ. މީގެ އިތުރުން ކޮންމެ ދުވަހަކު ތެޔޮ ވިއްކާނެ ވަކި މިންވަރެއް ވެސް ބަންގްލަދޭޝްގެ ސަރުކާރުން ވަނީ ކަނޑައަޅައިފައެވެ.

ތައިލޭންޑާއި، ވިއެޓްނާމުންވެސް ވަނީ ސަރުކާރު މުވައްޒަފުންނަށް ގޭގައި ތިބެ މަސައްކަތްކުރުމަށާއި، ހަކަތަ ސަލާމަތްކުރުމަށް ބޭނުންވާ އެހެނިހެން ފިޔަވަޅުތައް އެޅުމަށް އަންގާފައެވެ. ތައިލެންޑުގެ ކަމާބެހޭ ފަރާތްތަކުން އަންގާރަ ދުވަހު ހާމަކުރި ގޮތުގައި، ސަރުކާރު މުވައްޒަފުން ވީހާ ވެސް ބޮޑަށް ރިމޯޓްކޮށް މަސައްކަތްކުރުމަށް ބަދަލުވުމަށް ހިތްވަރު ދީ، ސަރުކާރު އޮފީސްތަކުގެ އެއާ ކޮންޑިޝަނަރުތައް 26 ޑިގްރީ ސެލްސިއަސްގައި ބެހެއްޓުމަށް ވަނީ އެދިފައެވެ. ”ހުރިހާ ދާއިރާތަކުން ވެސް ވަސީލަތްތައް ބުއްދިވެރިކަމާ އެކު، ފައިދާހުރި ގޮތެއްގައި ބޭނުންކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އެދުމެކެވެ،“ ސަރުކާރުން ނެރުނު ބަޔާނުގައި ވެއެވެ.

މީގެ އިތުރުން، ސަރުކާރު ތަމްސީލުކުރާ ފަރާތްތަކުން ރަސްމީ ދަތުރުތައް ވީހާ ވެސް ބޮޑަށް މަދުކުރުމަށް ވެސް ވަނީ ގޮވާލާފައިވާއިރު، ވިއެޓްނާމްގައި، ތެލުގެ ތާށިކަމަށް ހައްލެއް ހޯދައި ހަމަޖެހިލެވޭ ހާލަތަކަށް ގެނައުމުގެ ގޮތުން، ސަރުކާރުން ވަނީ ހޯމަ ދުވަހުން ފެށިގެން އެތެރެކުރާ ތެލުގެ ގިނަ ބާވަތްތަކުން ޑިއުޓީ ކަނޑާލައިފައެވެ. ހަމަ އެއާ އެކު، ތެލަށް ކުރާ ޑިމާންޑް ކުޑަ ކުރުމުގެ ގޮތުން ކޮންމެ ތަނެއްގައި ވެސް މަސައްކަތް ކުރެވެން ހުރި ހާލަތްތަކުގައި މުވައްޒަފުންނަށް ގޭގައި ތިބެ މަސައްކަތް ކުރެވޭ ގޮތް ހަމަޖައްސައިދިނުމަށްވެސް ކުންފުނިތަކަށް ސަރުކާރުން ވަނީ ބާރު އަޅައިފައެވެ. މީގެ އިތުރުން އާންމު ރައްޔިތުން ވެސް އަމިއްލަ އުޅަނދުފަހަރު ބޭނުންކުރުން މަދުކޮށް، ޕަބްލިކް ޓްރާންސްޕޯޓް، ބޭނުންކުރުމަށްވެސް ވަނީ ލަފާ ދީފައެވެ.

މެދުއިރުމަތީގައި މިހާރު ކުރިޔަށްދާ ހަގުރާމަޔާއި އެކު ދުނިޔޭގެ ގައުމުތަކުން ދުރާލާ އަވަސް ފިޔަވަޅުތަކެއް އަޅަމުންގެންދާއިރު އަޅުގަނޑުމެންގެ ރާއްޖެ މިކަމާއި މެދު ވިސްނަނީ ކިހާވަރަކަށް ތޯ މީ އުފެދޭ ސުވާލެކެވެ. ވަޒީރުންގެ ދަތުރުފަތުރާއި، ދައުލަތުގެ އެހެނިހެން ޚަރަދުތަށް ކުޑަކުރުމުގެ އިތުރުން ރައްޔިތުން އެމީހުންގެ ޚަރަދުތަށް ކުޑަކުރުމަށް އެބަވިސްނާ ބާވައެވެ. ދިވެހި ރާއްޖެއަކީ އަމިއްލަ އުފެއްދުމުގެ އެއްވެސް މިންވަރެއްނެތް މުޅިންވެސް އިމްޕޯޓަށް ބަރޯސާވެފައިވާ ވަރަށް ކުޑަގައުމެކެވެ.ދަތި އުދަގޫ ދުވަސްތަކުން އަރައިގަތުމަށް ދުރާލާ ވިސްނާ މުހިންމު ފިޔަޅުތަކެއް އެޅުން ވަރަށް މުހިންމެވެ.

ދުނިޔޭގެ ބާޒާރުގައި ސާފުނުކުރާ ތެލުގެ އަގު މިހާރު ވަނީ %25 އަށްވުރެ މައްޗަށް އުފުލިފައެވެ. މިއީ، ފާއިތުވި ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި ތެލުގެ އަގަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި މި ފަދަ ބޮޑު ބަދަލެއް އައިސްފައިވާ ފުރަތަމަ ފަހަރެވެ. މީގެ ނަތީޖާއަކީ، ތެޔޮ އުފުލާ ބޯޓުފަހަރުގެ ދަތުރުތަކަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެ، ގަލްފުގެ ޤައުމުތަކުން ތެޔޮ އުފައްދާ މިންވަރު މަދުކުރަން މަޖުބޫރުވުމެވެ. ތަފާސްހިސާބުތަކަށް ބަލައިލާއިރު، ތެލުގެ އަގު ކަނޑައެޅުމުގައި ބަލާ މިންގަނޑުތައް ކަމުގައިވާ ބްރެންޓް ކްރޫޑް ފިޔުޗަރސްގެ ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު ވަނީ 117.65 އެމެރިކާ ޑޮލަރަށް އުފުލިފައެވެ. މިއީ، 24.96 ޑޮލަރުގެ އިތުރުވުމެކެވެ.