ކުރެވުނު ހެޔޮ އަމަލުތަކަށްޓަކައި ބޮޑާވެ, ފަހުރުވެރިވާނަމަ އެ އަމަލުތައް ބާތިލުވެދާނެއެވެ.

ކުރެވުނު ހެޔޮ އަމަލުތަކަށް ޓަކައި އަމިއްލަ ނަފުސަށް ބޮޑާވެ، ފަހުރުވެރިވެ، އެއީ މާގިނަ ހެޔޮ އަމަލުތަކެއްކަމުގައި ދެކޭ ނަމަ އެ އަމަލުތައް ބާތިލުވެދާނެ ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

”ރަމަޟާންމަހަށް ފަހު ހެޔޮ އަމަލުކުރުންމަތީ ދެމި ތިބޭށެވެ!“ މި މައުޟޫއުއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ, ރޯދަމަސް އަހަރެމެންނާ އަލްވަދާއުކީ ނަމަވެސް ހެޔޮ އަމަލުކުރުމަކަށް ނިމުމެއް ނާންނާނެ ކަމަށާއި އެހެންކަމުން އަހަރެމެންނަށް އޮތީ ހެޔޮ އަމަލުކުރުންމަތީ ދެމިތިބުން ކަމަށެވެ. އަދި އަޅުކަން ކުރުމަކީ ހަމައެކަނި ވަކި މޫސުމަކާ ގުޅިފައި އޮންނާންވާނޭކަމެއް ނޫން ކަމަށްވެސް ބުންޏެވެ.

ރޯދަމަހަށްފަހު މުސްލިމުންނަށް މަގުފަހިކޮށްދީފައިވާ ޝައްވާލުމަހުގެ ހަ ރޯދައިގެ ނިއުމަތުގެ ބޭނުން ހިފުމަށް ގޮވާލައި ހުތުބާގައި ވަނީ އެއީ މުޅި އަހަރު ދުވަހު ރޯދަހިފިކަމުގެ ސަވާބު ލިބިދޭ ކަމެއް ކަމަށާއި އެހެންކަމުން ޝައްވާލުމަހުގެ ހަ ރޯދައަށް ރައްކާތެރިވެ ހެޔޮ އަމަލުކުރުންމަތީ ދެމިތިބުމަށް ނަސޭހަތްތެރިވެފަ އެވެ.

ހުތުބާގައި އިތުރަށް ވަނީ ނިމިގެން މި ދާ ރޯދަމަހު ތިބާގެ އަމަލުތައް ހުރި ގޮތާ މެދު ވިސްނައި ފަރުޟު ފަސްނަމާދަށް ރައްކާތެރިވީ ފަދައިން ރޯދަމަހަށް ފަހުގައި ވެސް އެ ގޮތުގައި ދެމެހެއްޓުމަށް ގޮވާލައިފަ އެވެ. އަދި ކޮންމެ ދުވަހަކު ގުރުއާނުން ސަފުހާއެއް ނަމަވެސް ކިޔެވޭތޯ ބެލުމަށާއި ހެޔޮ އަމަލުކުރުމުގައި ހީވާގިވުމަށާއި ކިތަންމެ މަދުން ކުރެވުނަސް ހުއްޓައިނުލައި ކުރިއަށް ދިއުމަށް ނަސޭހަތްތެރިވި އެވެ.

ހުތުބާގައި ބުނީ, ކުރިން ކުރެވިފައިވާ އަޅުކަންތަކަކީ، ގިނަގުނަ ހެޔޮ އަމަލުތަކެއްކަމުގައި ދެކިގެންނުވާނެ ކަމަށާއި އޭގެ ބަދަލުގައި ހެޔޮ ކަމެއް ކުރެވިއްޖެ ނަމަ އެ ހެޔޮކަމެއް ކުރެވުމުން، އޭގެ ފަހުގައި އެ އަމަލުތައްކުރުން މަތީގައި ދެމިތިބޭންޖެހޭ ކަމަށެވެ. އަދި ކުރެވުނު އަމަލެއްގެ މޮޅުކަމަކުން ނުވަތަ ގިނަކަމަކުން، ސުވަރުގެ ޔަގީންވީކަމަށް އަހަރެމެން ދެކިގެން ނުވާނެ ކަމަށްވެސް ބުންޏެވެ.