2026 ވަނަ އަހަރު ބާއްވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ އީރާނުގެ ފިރިހެން ފުޓްބޯޅަ ޓީމުގެ ކުޅުންތެރިންގެ އަމިއްލަ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އެ މުބާރާތުގައި ބައިވެރިވުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
ޓްރަމްޕް މިފަދަ މޭރުމަކުން ވާހަކަދައްކަވާފައި މިވަނީ، އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި މިއަހަރުގެ ޖޫންމަހުގެ 11 އިން ފެށިގެން ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް މުބާރާތުގައި ބައިވެރިވެވޭ ފަދަ ހާލަތެއްގައި އީރާނު ނެތް ކަމަށް، އެޤައުމުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ދުންޔާމާލީ ވިދާޅުވުމާ ގުޅިގެންނެވެ.
އަންގާރަ ދުވަހު އައި.އާރު.އައި.ބީ ސްޕޯޓްސް ނެޓްވޯކަށް ދެއްވި އިންޓަވިއުއެއްގައި ދުންޔާމާލީ ވިދާޅުވީ، އިސްރާއީލުގެ ފަސާދަވެފައިވާ ސަރުކާރުން އަޅުގަނޑުމެންގެ ލީޑަރު އަވަހާރަކޮށްލާފައިވާތީ، ވޯލްޑް ކަޕްގައި ބައިވެރިވުމަށް އެކަށީގެންވާ މާހައުލެއް ނެތް ކަމަށެވެ.
”އަޅުގަނޑުމެންގެ ކުޅުންތެރިންނަށް އެއްވެސް ރައްކާތެރިކަމެއް ނެތް. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފަދަ އަމާން ހާލަތެއް މިވަގުތަކު ނެތް،“ އޭނާ ވިދާޅުވިއެވެ.
އީރާނުގެ ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު ދުންޔާމާލީ ގެ ވާހަކަތަކާއި ގުޅިގެން ޓަރްމްޕް ވިދާޅުވީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވާ އީރާނުގެ ފިރިހެން ފުޓްބޯޅަ ޓީމަށް މަރުހަބާ ކިޔާ ކަމަށާއި، ނަމަވެސް އެ ކުޅުންތެރިންގެ އަމިއްލަ ރައްކާތެރިކަމާއި ސަލާމަތަށްޓަކައި އެ މުބާރާތުގައި ބައިވެރިވުމަކީ އެންމެ އެކަށީގެންވާ ކަމެއް ނޫން ކަމަށެވެ.
”އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމަށް ވޯލްޑް ކަޕަށް މަރުޙަބާ ކިޔަން. އެކަމަކު އެމީހުންގެ އަމިއްލަ ފުރާނައާއި ސަލާމަތަށްޓަކައި، މުބާރާތަށް އައުމަކީ އެންމެ އެކަށީގެންވާ ކަމެއް ކަމަކަށް އަހަރެން ގަބޫލެއް ނުކުރަން،“ ބުރާސްފަތި ދުވަހު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވިއެވެ.
މުބާރާތުގެ ތާވަލު ރޭވިފައިވާ ގޮތުން، ޖޫން 15 އަދި 21 ގައި ލޮސް އެންޖެލެސްގައި ނިއުޒީލެންޑާއި ބެލްޖިއަމާ ދެކޮޅަށް އީރާނުން ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ޖޫން 26 ވަނަ ދުވަހު ސިއެޓްލްގައި މިޞްރާ ދެކޮޅަށް ކުޅުމަށް ވެސް ވަނީ ތާވަލުކުރެވިފައެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އީރާނުން މި މުބާރާތުގައި ވާދަކުރުމަށް ”މަރުޙަބާ ކިޔާ“ ކަމަށް މިހަފްތާގެ ކުރީކޮޅު ޓްރަމްޕް އޭނާގެ ގާތުގައި ވިދާޅުވެފައިވާކަމަށެވެ.
ވިދިވިދިގެން ހަތަރުވަނަ ފަހަރަށް ވޯލްޑް ކަޕުން ޖާގަ ހޯދާފައިވާ އީރާނުން މި މުބާރާތުން ވަކިވެއްޖެނަމަ، އެ ގައުމުގެ ބަދަލުގައި އެހެން ޓީމެއް ހޮވުމުގެ އިޚްތިޔާރު ފީފާގެ ގަވާއިދުތަކުގެ ދަށުން އެ އިދާރާއަށް ލިބިގެންވެއެވެ. ނަމަވެސް، އެ ފުރުސަތު ދޭނީ ކޮން ގައުމަކަށް ކަމެއް އަދި މިހާތަނަށް ސާފެއް ނުވެއެވެ.


