އެމެރިކާއާ ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ކުރިއަށްވުރެ އިސްރާއީލް ވަރުގަދަވަމުންދާ ކަމަށް އެ ގައުމުގެ ބޮޑުވަޒީރު ޔަހޫދީ ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.
ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޔަހޫދީ ނަތަންޔާހޫ ބުނެފައިވަނީ، އިސްރާއީލުގެ ހަމަލާތަކުގައި އީރާނުގެ އެންމެ އިސް ނިއުކްލިއާ ސައިންސްވެރިން މަރާލާފައިވާ ކަމަށާއި، އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައި.އާރް.ޖީ.ސީ) އާއި ބަސީޖް ފައުޖުތަކަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށެވެ.އަދި އަދި ފާއިތުވި ދެ ހަފުތާއެއްހާ ދުވަހު ދިން ހަމަލާތަކުގައި އީރާނަށް ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ.
ޔަހޫދީ ނަތަންޔާހޫ ބުނީ ފެބުރުއަރީ 28 ވަނަ ދުވަހު ދިން ހަމަލާތަކުގެ ސަބަބުން އިރާނުގެ ނިއުކްލިއާ އަދި ބެލިސްޓިކް މިސައިލް މަޝްރޫއުތައް ބިމުގެ އަޑިއަށް ބަދަލުކުރުމަށް ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސް އެޅިފައިވާ ކަމަށެވެ. އަދި އިރާނަކީ މިހާރު ކުރީގެ އިރާނު ނޫން ކަމަށްވެސް ހަގުރާމަ ފެށުނުފަހުން ފުރަތަމަ ފަހަރަށް ނޫސްވެރިންނަށް ދިން އިންޓަރވިއުގައި އޭނާ ފާހަގަކުރިއެވެ.
އިރާނުގެ އާ ސުޕްރީމް ލީޑަރު އާޔަތުﷲ މުޖުތަބާ ޚާމަނާއީ އާއި ހިޒްބުﷲގެ ލީޑަރު ނައީމް ގާސިމާ ގުޅޭގޮތުން ސުވާލު ކުރުމުން، ޔަހޫދީ ނަތަންޔާހޫ ބުނީ އެ ދެ ބޭފުޅުންގެ ފުރާނައިގެ ސަލާމަތާއި ރައްކާތެރިކަމުގެ އެއްވެސް ޔަގީންކަމެއް ދެވެން ނެތް ކަމަށެވެ.
ޚާމަނާއީއަކީ ”ރިވޮލިއުޝަނަރީ ގާޑުން“ ބޭނުންވާ ގޮތަށް ހަރަކާތްތެރިވާ ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވަމުން، ޔަހޫދީ ނަތަންޔާހޫ ވަނީ އޭނާއަށް އާންމުންގެ ތެރެއަށް ނުކުމެވަޑައިގަންނަވަން ކެރިވަޑައިނުގަންނަވާ ކަމަށެވެ. މިގޮތުން، ސުޕްރީމް ލީޑަރުގެ ބަޔާނެއް ދައުލަތުގެ ޓީވީ މެދުވެރިކޮށް ޚަބަރު ކިޔުންތެރިއަކު އިއްވިކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، އެންމެ ފަހުން ޖެނުއަރީ މަހު އިރާނުގެ ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުމެ އިހުތިޖާޖު ކުރި މީހުންނާ މުޚާތަބު ކުރައްވައި ޔަހޫދީ ނަތަންޔާހޫ ބުނީ އިޒްރޭލު އޮތީ އެމީހުންގެ ފަހަތުގައި ކަމަށެވެ.


