ރޫހީ ލީޑަރާއި އިތުރު އޮފިޝަލުންތަަކެއްގެ މައުލޫމާތު ދޭ ފަރާތްތަކަށް، 10 މިލިއަން ޑޮލަރު ދޭން ހުށަހަޅައިފި

އީރާނުގެ އާ ރޫހީ ލީޑަރު މުޖްތަބާ ޚާމަނާއީ އާއި އެ ގައުމުގެ އަސްކަރީ އިސް ނުވަ އޮފިޝަލަކާ ބެހޭ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް، 10 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމާއި އެމެރިކާގައި ވަޒަންވެރިވުމުގެ ފުރުސަތު އެމެރިކާ ސަރުކާރުން ހުށަހަޅައިފިއެވެ.

”އެމެރިކާ ރިވޯޑްސް ފޯ ޖަސްޓިސް“ އިން ހާމަކޮށްފައިވާ ގޮތުގައި، މުޖްތަބާ ޚަމަނީގެ އިތުރުން އިއުލާންކޮށްފައިވާ ނުވަ މީހުންނަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިޒަމްގެ އަމަލުތައް ރާވައި، އިންތިޒާމުކޮށް، ހިންގަމުންދާ އީރާނުގެ އިސްލާމީ އިންގިލާބީ ގާޑުންގެ ލަޝްކަރާއި (އައި.އާރު.ޖީ.ސީ) އެ ލަޝްކަރުގެ އަސްކަރީ ގޮފިތަކަށް ނިސްބަތްވާ ބައެއްކަމަށްވަނީ ބުނެފައެވެ.

ހުކުރު ދުވަހު އާންމުކުރި ފަރާތްތަކުގެ ތެރެއިން ހަތަރު މީހެއްގެ ފޮޓޯ ހިމަނާފައެއް ނުވެއެވެ. އޭގެ ބަދަލުގައި އެ ފަރާތްތައް ފާހަގަކޮށްފައިވަނީ އެމީހުން އަދާކުރާ މަގާމުގެ ނަމުންނެވެ. އޭގެ ތެރޭގައި ”ދިފާއީ މަޖިލީހުގެ ސެކްރެޓަރީ“ އާއި ”އައި.އާރު.ޖީ.ސީ ގެ ކޮމާންޑަރު“ ހިމެނެއެވެ.

އަދި އެލިސްޓްގައި ހިމެނޭ އީރާނުގެ އިސް ގިނަ ވެރިންތަކެއް އެމެރިކާއާއި އިސްރާއީލުން ވަނީ އަވަހާރަކޮށްލާފައެވެ. އޭގެ ތެރޭގައި އައި.އާރު.ޖީ.ސީ ގެ ކުރީގެ ކޮމާންޑަރު މުޙައްމަދު ޕަކްޕޫރާއި، އީރާނުގެ ކުރީގެ އެންމެ މަތީ ވެރިޔާ އަދި މުޖުތަބާގެ ބައްޕަ، އާޔަތުﷲ ޢަލީ ޚާމަނާއީ ހިމެނެއެވެ.

”ރިވޯޑްސް ފޯ ޖަސްޓިސް“ (އާރް.އެފް.ޖޭ) އަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ހިންގާ ގައުމީ ސަލާމަތާ ގުޅުންހުރި އެންމެ މުހިންމު އިނާމު ދިނުމުގެ ޕްރޮގްރާމެވެ. މި ޕްރޮގްރާމް އުފައްދާފައިވަނީ 1984 ވަނަ އަހަރުގެ ”ބައިނަލްއަގުވާމީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމުގެ ގާނޫނު“ (ޕަބްލިކް ލޯ 98-533) ގެ ދަށުންނެވެ. އަދި މި ޕްރޮގްރާމް ބަލަހައްޓައި ހިންގަމުންދަނީ ބިއުރޯ އޮފް ޑިޕްލޮމެޓިކް ސެކިއުރިޓީގެ ފަރާތުންނެވެ.

އާރް.އެފް.ޖޭ ގެ މައިގަނޑު މަގުސަދަކީ އެމެރިކާ ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމަށާއި، އެމެރިކާގެ ގައުމީ ސަލާމަތާ ގުޅޭ ލަނޑުދަނޑިތައް ހާސިލުކުރުމަށް އެހީތެރިވެދޭނެ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް އިނާމު ހުށަހެޅުމެވެ.Top of FormBottom of Form

އެމެރިކާގެ ސަރުކާރުން ވަނީ މި ފަރާތްތަކާ ގުޅޭ މައުލޫމާތު ”ޓޯ“ (Tor)  ބޭނުންކޮށްގެން ހިންގާ ރައްކާތެރި މުއާސަލާތީ ނިޒާމެއް ނުވަތަ ”ސިގްނަލް“ (Signal) މެދުވެރިކޮށް ހިއްސާކުރުމަށް އާންމުންގެ ކިބައިން އެދިފައެވެ.

އަދި މިފަދަ މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް މާލީ އިނާމެއް ލިބުމުގެ ފުރުސަތު އޮތްކަންވެސް ވަނީ ހާމަކޮށްފައެވެ. އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން 2019 ވަނަ އަހަރު ވަނީ އައި.އާރު.ޖީ.ސީ އަކީ ބޭރުގެ ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅާފައެވެ.

”މި ޖަމާއަތަކީ މިހާރު އީރާނުގެ އިގްތިސާދުގެ ބޮޑު ބައެއްގެ މައްޗަށް ބާރު ފޯރުވަމުންދާ، އަދި އެ ގައުމުގެ އެތެރޭގެ ސިޔާސީ މަސްރަހުގައިވެސް ނުފޫޒުގަދަ ބައެއް،“ ކަމަށް ރިވޯޑްސް ފޯ ޖަސްޓިސްއިން ބުނެފައިވެއެވެ.

މީގެ އިތުރުން، ހުކުރު ދުވަހު އެމެރިކާގެ ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ އީރާނުގެ އައު އެންމެ މަތީ ވެރިޔާގެ ސިއްހީ ހާލަތާ ގުޅޭގޮތުން ފެތުރެމުންދާ ރިޕޯޓުތަކާ ބެހޭގޮތުން ވާހަކަދައްކަވާފައެވެ.