އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބާއްވަން ނިންމާފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންތައްތަކުގައި އޮބްޒާވަރުން ބައިވެރިވުމަށް ދިން މުއްދަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން އިތުރުކޮށްފި އެވެ.
އީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އިންތިހާބުގައި އޮބްޒާވަރުންގެ ގޮތުގައި ކުރިމަތިލުމަށް އިތުރު މުއްދަތެއް ދިނުމަށް އެދި ސިޔާސީ ޕާޓީތަކުން އީސީއަށް ހުށަހަޅާފައިވާތީ، އަންނަ މަހު 14 ވަނަ ދުވަހުގެ ހެނދުނު 08:00 އިން ފެށިގެން 15 ވަނަ ދުވަހުގެ ރޭގަނޑު 12:00 އަށް އިތުރު މުއްދަތެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ
އީސީން ބުނި ގޮތުގައި ވޯޓު ނެގުމާއި ވޯޓު ގުނުމުގެ ކަންކަން އޮބްޒާވްކުރުމަށް ސިޔާސީ ޕާޓީތަކާއި ޖަމާއަތްތަކަށް ފާސް ދޫކުރާނީ، އެއިން ކޮންމެ ޕާޓީއަކަށް ނުވަތަ ޖަމިއްޔާއަކަށް، އިންތިހާބުގައި ވޯޓުލުމަށް ބަަހައްޓާ ވޯޓު ފޮށީގެ އަދަދަށް ވުރެ 10 ޕަސެންޓް އިތުރުނުވާ ގޮތަށެވެ. އަދި ވޯޓުލާ މަރުކަޒުގައި ކޮންމެ ހައިސިއްޔަތަކުން ވެސް އެއްފަހަރާ ހަރަކާތްތެރިވެވޭނީ އެންމެ އޮބްޒާވަރަކަށް ކަމަށް އީސީން ބުންޏެެވެ
އޮބްޒާވަރުންގެ ޝަރުތުތައް:
- އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސެއް ކަމުގައިވުން
- ޖިނާއީ ކުށެއްގެ ހުކުމް ތަންފީޒު ކުރެވެމުންދާ މީހެއްކަމުގައި ނުވުން
- ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާއަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހަކު ކަމުގައި ނުވުން
- އިންތިހާބާ ބެހޭ މަސައްކަތެއް ކުރުމަށް އީސީގެ ފަރާތުން ހަވާލުވެގެން ހުރި މީހެއްކަމުގައި ނުވުން
- އިންތިހާބުގައި ހަރަކާތްތެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅައިފައިވާ ސުލޫކީ މިންގަނޑު ކިޔައި، އެއާ އެއްގޮތަށް އަމަލުކުރުމަށް އެއްބަސްވެ އިގުރާރުވެފައިވާ މީހަކު ކަމުގައިވުން
- ފާއިތުވި ފަސް އަހަރުދުވަހުގެ ތެރޭގައި ސުލޫކީ މިންގަނޑާ ހިލާފުވެގެން ފިޔަވަޅެއް އަޅައިފައިވާ މީހަކު ކަމުގައި ނުވުން، ނުވަތަ އިންތިހާބީ ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން


