ކަތިވަޅިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު 7 އަހަރަށް ޖަލަށް

ކަތިވަޅިއަކުން މީހަކަށް ހަމަލާދީ މާރާމާރީ ހިންގި މީހަކު ހަތް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި 10 މާރިޗު 2026 ގައި ހުކުމްކޮށްފައިވަނީ ގދ. ގައްދޫ/ ޖަނބުރޯލްގަސްދޮށުގެ, މުހައްމަދު ޝަފީގެވެ. އޭނާގެ މައްޗަށް ދައުލަތުން ދައުވާކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

އެ ދައުވާ އޭނާގެ މައްޗަށް ކުރީ އިތުރުބަޔަކާއެކު 13 ފެބްރުއަރީ 2023ގެ 3:30 އެހާކަންހާއިރު, ވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި ހުރި މީހަކަށް ކަތިވަޅިއަކުން ހަމަލާދީ މާރާމާރީ ހިންގުމުންނެވެ.

މި މައްސަލައިގެ ޝަރީއަތުގެ އިބްތިދާއީ އަޑުއެހުމުގައ ދައުވާއަށް ޝަފީގު އިންކާރުކުރި އެވެ. އޭނާ އޭރު ބުނީ, ހާދިސާ ހިނގިތަނުގައި އޭނާ ނުހުންނާނެ ކަމަށާއި ހާދިސާ ހިނގި ވަގުތު އޭނާ އުޅުނު ތަނުގެ މައުލޫމާތު ފުލުހުންނަށް ދީފައިވާނެ ކަމަށެވެ.

އެހެންވެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ގަރީނާ ހުށަހެޅި އެވެ. ދިފާއުގައި ޝަފީގުވެސް ފަސް ޝަފަހީ ހެކި ހުށަހެޅި އެވެ. ނަމަވެސް މައްސަލައާ ގުޅިގެން ހުލާސާ ބަޔާން ހުށަހެޅުމަށް ދިން ފުރުސަތުގައި ޝަފީގު ވަނީ ދައުވާއަށް އިއުތިރާފުވެ, ދައުލަތުން ކޮށްފައިވަނީ ތެދު ދައުވާއެއް ކަމަށް ބުނެފަ އެވެ.

އެހެންވެ މި ދައުވާއަކީ އޭނާގެ އިއުތިރާފުން ޝަރީއަތަށް ސާބިތުވާ ދައުވާއެއް ކަމަށް ކަނޑައަޅައި, ތޫނު އެއްޗެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުން ކުށްވެރިވެއްޖެ ކަމަށް ކޯޓުން ކަނޑައެޅި އެވެ. އަދި އެ ކުށުގެ އަދަބެއްގެ ގޮތުން ޝަފީގު ހަތް އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި އެވެ.

ނަމަވެސް ހުކުމުގެ ކުރީގައި ބަންދުގައި ހުރި މުއްދަތު ކެނޑުމުން ޝަފީގު ތަންފީޒުކުރަންޖެހޭ ޖަލު އަދަބުގެ މުއްދަތަކީ ހަތަރު އަހަރު ކަމުގައި ކަނޑައަޅައި އެގޮތުގެ މަތިން ހުކުމްކުރި އެވެ.