ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 23 ޕަސަންޓު ދަށަށް

މިމަހުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 23.6 ޕަސަންޓު ދަށަށް ހިނގައްޖެއެވެ.

ޓޫރިޒަމް މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އެ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 58،906 ފަތުރުވެރިންނެވެ.

އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު 23.6 ޕަސަންޓުގެ ދަށްވުމެކެވެ. މިިދިޔަ އަހަރުގެ އެ މުއްދަތުގައި ރާއްޖެ އައިސްފައިވާ ފަތުރުވެރިންގެ އަދަދަކީ 77،100 އެވެ.

ނަމަވެސް މިިދިޔަ އަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންނަށްވުރެ މިއަހަރުގެ މިހާތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވަނީ ހަ އިންސައްތަ އިތުރުވެފައެވެ. މިއަހަރު މިހާތަނަށް 540،674 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި އައިސްފައިވަނީ 509،953 ފަތުުރުވެރިންނެވެ.

ޓޫރިޒަމްގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޗައިނާ، ރަޝިއާ އަދި އިޓަލީންނެވެ.

އިޒްރޭލާއި އެމެރިކާ ގުޅިގެން އީރާނަށް ދިން ހަމަލާއާ ގުޅިގެން ފެށިފައިވާ ހަނގުރާމައިގެ އަސަރު ރާއްޖޭގެ ފަތުރުވެރިކަމަށް ވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން މެދުއިރުމަތީގެ ގައުމުތަކުން ދަތުރުތައް މެދުކަނޑާލާފައިވާތީ ވެސް  އެ ސަރަހައްދުތަކުގެ ގައުމުތަކުން އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑުތަނުން ދަށަށް ގޮސްފައެވެ.