ސޮއިކުރިތާ ދޮޅު އަހަރު ފަހުން އުލިގަމު ޔޮޓް މެރީނާ ހަދަން ބަޔަކާ ހަވާލުކޮށްފި

ހއ. އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ބަޔަކާ ހަވާލުކޮށްފި އެވެ.

ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ އަދަދެއްގެ ޔޮޓްތައް އުލިގަމަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ. ނަމަވެސް ފަތުރުވެރިންނަށް ހިދުމަތް ދޭނެ ތަންތަން ނެތުމަކީ އޮތް ގޮންޖެހުމެކެވެ.

އެކަމަށް ހައްލު ގެނައުމަށް އުލިގަމުގައި ޔޮޓް މެރީނާއެއް ތަރައްގީކުރުމަށް އެމްޕީއެލް އާއި އުލިގަމު ކައުންސިލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 1 އޮގަސްޓް 2024 ގައެވެ.

އެ މަޝްރޫއު ކުރިއަށް ގެންދިއުމަށް އެމްޕީއެލް އިން މިއަދު ހަވާލުކޮށްފައިވަނީ ސަސް އީ ކޮންސްޓްރަކްޝަންއާއެވެ.

އެމްޕީއެލްގެ މައި އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެކަމުގެ އެއްބަސްވުމުގައި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ ޝީފް އެގްޒެކެޓިވް އޮފިސަރު އަލީ ހާޝިމެވެ. ސަސް އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ސަވާދެވެ.

އެމްޕީއެލް އިން ބުނީ، އިމިގްރޭޝަނާއި ކަސްޓަމްގެ ހިދުމަތްވެސް ލިބޭ ގޮތަށް ހަދާ މި މެރީނާގައި 18 ޔޮޓަށް އެއްފަހަރާ ބަނދަރު ކުރެވޭނެ ކަމަށެވެ. އަދި މެރީނާ އޮޕަރޭޓްކޮށް، އިތުރަށް ތަރައްގީކުރާނެ ފަރާތެއް ހޯދުމުގެ މަސައްކަތްކުރާ ކަމަށް ވެސް ބުންޏެވެ.