އަންހެން ކުޅުންތެރިޔަކު ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުވާ ގައުމީ އަންހެން ވޮލީ ޓީމުގެ ކުރީގެ ކޯޗު ސޮފްވާން އަހުމަދު، ވޮލީބޯޅައިގެ ހަރަކާތްތަކުން އުމުރަށް ސަސްޕެންޑްކޮށްފިއެވެ.
މިދިޔަ އޮކްޓޯބަރު މަހު އޭނާގެ މައްސަލަ ބަލަން ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން އުފެއްދި އެޑްހޮކް ކޮމިޝަނުން ތައްޔާރުކުރި ރިޕޯޓަށް ބަލައި، ކުރިން ނިންމާފައިވަނީ ފަސް އަހަރު ދުވަހަށް ސަސްޕެންޑުކުރުމަށެވެ.
ރޭ ބޭއްވި ވީއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ، އެޑްހޮކް ކޮމިޝަނުގެ ރިޕޯޓް ބަލައިގެންފައެވެ. އެ ރިޕޯޓާއެކު ކޮންގްރެސް އިން ވަނީ ސޮފްވާނާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅަން ނިންމައިފައެވެ.
އެގޮތުން ވީއޭއެމްގެ އެކްސްކޯ މެންބަރުކަމުން ވަކިކުރުމާއި، ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ މުއްދަތަށް ވީއޭއެމްގެ އެއްވެސް އިންތިހާބީ ނުވަތަ އައްޔަންކުރާ މަގާމަކަށް އޭނާ ހަމަނުޖެއްސުމާއި، މުޅި އުމުރަށް ވޮލީބޯޅައިގެ އެއްވެސް ހަރަކާތެއްގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭ ގޮތަށް ސަސްޕެންޑް ކުރުން ހިމެނެއެވެ.
ވީއޭއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ސޮފްވާނަށް ވަރަށް ގިނަ މައްސަލަތައް ކުރީއްސުރެވެސް ފާހަގަކުރެވިފައިވާތީ، ވީއޭއެމްގެ ފަރާތުން މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކުވެސް ސޮފްވާން ތަންތަނަށް ގޮސް ކޯޗުކޮށްދޭން އުޅޭތަން ފެންނާތީ، އަދި ސްކޫލުތަކާއި ކޮލެޖުތަކުގެ ޓީމުތަކަށް ވެސް ސޮފްވާން ކޯޗުކަންކޮށްދޭތަން ފެންނާތީ، އެފަދަ މީހެއްގެ ކިބައިން ކުޅުންތެރިން ސަލާމަތްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ފެންނާތީ، ސޮފްވާން މުޅި އުމުރަށް ވޮލީބޯޅަ ހަރަކާތްތަކުގައި އެއްވެސް ހައިސިއްޔަތަކުން ބައިވެރިނުވެވޭ ގޮތަށް ހަމަޖައްސަން ނިންމާ ކަމަށެވެ.


