ބައްސާމް ގޭބަންދަށް ބަދަލުކޮށްފި

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ހިޔާނާތާ ގުޅިގެން ޖަލު ހުކުމެއް ތަންފީޒުކުރަމުންދާ އެ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ގޭބަންދަށް ބަދަލުކޮށްފިއެވެ.

އެފްއޭއެމްގެ ހިޔާނާތާ ގުޅިގެން ބައްސާމްގެ މައްޗަށް ގިނަ ދައުވާތަކެއް ކޮށްފައިވާ އިރު، އޭނާ މިހާރު ދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.

ބައްސާމް ގޭބަންދަށް ބަދަލުކުރިކަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސަސް އިން ކަށަވަރުކޮށްދިން ނަމަވެސް، އޭނާ ގޭބަންދަށް ބަދަލުކުރި ސަބަބެއް ހާމައެއް ނުކުރެއެވެ.

ހިޔާނާތުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ދައުވާއެއްގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ބައްސާމްގެ މައްޗަށްވަނީ ނުވަ އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ. އަދި އޭގެ ފަހުން މިދިޔަ ޖެނުއަރީ މަހުގެ ކުރީކޮޅު ހިޔާނާތާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެެއް ސާބިތުވެ އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް އިއްވައިފައެވެ.