އިންޑިއާގެ އިރުމަތީ އޮޑިޝާ ސްޓޭޓްގެ ހޮސްޕިޓަލެއްގެ އައިސީޔޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 މީހުން މަރުވެއްޖެ އެވެ.
އޮޑިޝާގެ ޗީފް މިނިސްޓަރު މޯހަން ޗަރަން މާޖީ ނޫސްވެރިންނަށް ވިދާޅުވީ، އެސްސީބީ މެޑިކަލް ކޮލެޖް އެންޑް ހޮސްޕިޓަލުގައި އިއްޔެ އަލިފާން ރޯވީ ޝޯޓްސާކިޓެއްގެ ސަބަބުން ކަމަށެވެ. އެ ހާދިސާ ހިނގި ވަގުތު އައިސީޔޫގައި 23 މީހުންނަށް ފަރުވާ ދެމުންދިޔަ ކަމަށާއި ބަލިމީހުން ސަލާމަތްކުރަން މަސައްކަތް ކުރަމުންދިޔަ 11 މުވައްޒަފަކަށް ބޮޑެތި އަނިޔާތަކެއް ލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
މާޖީ އިތުރަށް ވިދާޅުވީ އެ ހާދިސާގެ ތަހުގީގެއް ހިންގުމަށް މަސައްކަތް ފަށާފައިވާ ކަމަށާއި މިކަމުގައި އެއްވެސް މީހެއްގެ އިހުމާލެއްވާ ނަމަ އެ ފަރާތަކާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.
ހާދިސާއާ ގުޅިގެން އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވަނީ މަރުވި މީހުންގެ އާއިލާތަކަށް 2،160 ޑޮލަރުގެ އެހީ ދޭނެ ކަމަށް އިއުލާން ކުރައްވައިފަ އެވެ.
އަލިފާން ނިއްވާ ސާމާނު ނެތުމާއި ރައްކާތެރިކަމުގެ ގަވާއިދުތަކަށް ފަރުވާތެރިނުވުމުގެ ސަބަބުން އިމާރާތްތަކުގައި ރޯވުމަކީ އިންޑިއާގައި އާންމު ކަމެކެވެ. ގިނަ ފަހަރަށް އަލިފާން ރޯވަނީ ވަޔަރިން ރަނގަޅަށް އަޅާފައިނެތުމުގެ ސަބަބުން ދިމާވާ ކަރަންޓު ޝޯޓް ސާކިއުޓްތަކެވެ.



