ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލުގެ ހިޔާނާތުގެ މައްސަލައިގައި ހިމެނޭ އެއް މިލިއަން ޑޮލަރުގެ ޗެކްގެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.
އެ ޗެކްގެ މައްސަލައިގައި ކްރިމިނަލް ކޯޓުން މިދިޔަ ޖެނުއަރީ މަހު ހުކުމްކުރީ އެއް މިލިއަން ޑޮލަރުގެ ޗެކަކީ އެފްއޭއެމް އާއި އަމީން ކޮންސްޓްރަކްޝަނާ ދެމެދު ކުރި ޑޮލަރު ގަތުުމުގެ މުއާމަލާތެއް ކަމަށެވެ. އޭގެ އިތުރުން އެ މައްސަލައިގައި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުރި ދައުވާ ވެސް ސާބިތުނުވާ ކަމަށް ވަނީ ހުކުމްކޮށްފައެވެ.
އެ މައްސަލައިގައި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެފްއޭއެމްގެ އެއް މިލިއަން ޑޮލަރުގެ ޗެކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ކަނޑައަޅުއްވާފައިވަނީ ގާނޫނީ ހަމަތަކާ ހިލާފަށް ހެކި ވަޒަންކޮށްގެން ކަމަށް އެ އޮފީހުން ދެކޭތީއާއި، އެ ދައުވާ ސާބިތުކުރުމަށް ހުށަހެޅި ގިނަ ޝަފަހީ ހެކިންގެ ހެކިބަސް ނުނެގުމަށް މައްސަލަ ބެއްލެވި ފަނޑިޔާރު ނިންމަވާފައިވަނީ ގާނޫނާ ހިލާފަށްކަމަށް ދެކޭތީ، އެ ބައި ހައިކޯޓުގައި މިއަދު އިސްތިއުނާފުކޮށްފައިވާ ކަމަށެވެ.
ހައިކޯޓުގައި އެދިފައިވާނީ، ދައުވާގެ އެ ބައި ސާބިތުކުރުމަށް ހުށަހެޅި އެންމެހާ ހެކިންގެ ހެކިބަސް ނަގައި، ދައުވާ ސާބިތުކުރުމަށް ހުށަހަޅާފައިވާ އެންމެހާ ހެކިތައް އަލުން ވަޒަންކޮށް، އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅޭ މުއާމަލާތަކީ މަނީ ލޯންޑްރިންގެ އަމަލެއްކަމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށްޓަކައި މައްސަލަ ދަށު ކޯޓަށް ތަހުވީލުކޮށްދިނުމަށް ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ޕީޖީން ބުނީ ބައްސާމްގެ މައްޗަށް މަނީ ލޯންޑްރިންގެ ކުށުގެ އެ ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަކަށް އެ އިސްތިއުނާފާ ގުޅިގެން އަސަރެއް ނުކުރާނެ ކަމަށާއި ސަބަބަކީ، ބައްސާމްގެ މައްޗަށް ސާބިތުވެފައިވާ ދައުވާގައި އެފްއޭއެމްގެ އެހެން ޗެކްތަކާއި ފައިސާ ހިމެނޭ އިރު، އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށް ކަނޑައަޅާފައިވާ ކަނޑައެޅުމަށް އެ އިސްތިއުނާފުގައި ތައުނުކޮށްފައިނުވާނެތީ ކަމަށެވެ.
އެ އެއް މިލިއަން ޑޮލަރުގެ ޗެކާ ގުޅިގެން އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް އުފުލި މަނީ ލޯންޑާކުރުމަށް އެހީތެރިވުމުގެ ކުށުގެ ދައުވާ ސާބިތުނުވާކަމަށް އެ ކޯޓުން ނިންމި ނިންމުން މިމަހުގެ ދެވަނަ ދުވަހު ހައިކޯޓުގައި އިސްތިއުނާފުކޮށްފައިވާނެ ކަމަށް ވެސް ޕީޖީން ބުންޏެވެ.
އެފްއޭއެމްގެ ހިޔާނާތާ ގުޅޭ މައްސަލަތަކުގައި ބައްސާމް މިހާރު ގެންދަނީ 32 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންނެވެ.



