ފުލުހުން ނިންމީ ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމަކީ ޖިނާއީ ކުށެއް ނޫން ކަމަށް 

ހދ. ހިރިމަރަދޫ ރައްޔިތުންނަށް ހދ. ހަނިމާދޫން ގޯތި ދޭ މައްސަލަ ހުށަހެޅުމުން، އެކަމުގައި ޖިނާއީ ކުށެއް ނެތް ކަމަށް ފުލުހުން ނިންމައިފިއެވެ.

ހިރިމަރަދޫ މީހުން ހަނިމާދުއަށް ބަދަލުކުރުމަށް ނިންމައި، ހިރިމަރަދޫ މީހުންނަށް ގޯތި ދިނުމުގެ މަސައްކަތްތައް ސަރުކާރުން ކުރަމުންދާތީ، އެކަމާ ހަނިމާދޫގެ ރައްޔިތުން ދަނީ ދެކޮޅު ހަދަމުންނެވެ.

ހިރިމަރަދޫ މީހުންނަށް ހަނިމާދޫން ގޯތި ދިނުމަށް ސަރުކާރުން މަސައްކަތްކުރަނީ ކައުންސިލުން ހުއްދަ ނުނަގައި، އެކަން އެންގުމެއް ވެސް ނެތި ކަމަށްބުނެ، ހަނިމާދޫ ކައުންސިލުން ވަނީ ފުލުހަށް މައްސަލަ ހުށަހަޅައިފައެވެ.

އެ މައްސަލައިގައި ފުލުހުން މިއަދު ބުނީ ހަނިމާދޫން ބިން ދޫކުރުމާ ގުޅޭގޮތުން އެ ރަށު ކައުންސިލުގެ ކަންބޮޑުވުންތަކެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމުން އެނގިފައިވަނީ، އެއީ އެ މަސައްކަތުގެ މަސްއޫލިއްޔަތު އޮތް ދައުލަތުގެ ދެ މުއައްސަސާއެއްގެ މެދުގައި ހިނގާފައިވާ އިދާރީ މުއާމަލާތްތަކަކާ ގުޅުންހުރި ކަމެއް ކަމަށާއި އަދި މިހާތަނަށް ބެލިބެލުމުން އެކަމުގައި ޖިނާއީ ކުށެއް އެކުލެވިގެންވާކަން ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ބުންޏެވެ.

އެހެންކަމުން، އެ މައްސަލައިގައި ހިމެނޭ ފަރާތްތަކުން މަދަނީ ގޮތުން ގާނޫނީ ހައްލެއް ހޯދުމަށް އިރުޝާދު ދީފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.