މެސީ ވެސް ކެރިއަރުގައި 900 ގޯލު ހަމަކޮށްފި

އިންޓަ މިއާމީގެ ކެޕްޓަން, ލިއޮނަލް މެސީ, ފުޓްބޯޅަ ކެރިއަރުގައި 900 ގޯލު ހަމަކޮށްފި އެވެ.

އުމުރުން 38 އަހަރުގެ މެސީ ކެރިއަރުގައި 900 ގޯލު ހަމަކުރީ ކޮންކަކަޕް ޗެމްޕިއަންސް ކަޕްގެ ގަދަ 16 ބުރުގައި ނޭޝްވިލްއާ 1-1 އިން އެއްވަރުވި މެޗުގައި ޖެހި ގޯލާއެކު އެވެ.

ކެރިއަރުގައި އެންމެ ފުރަތަމަ 900 ގޯލު ހަމަކުރީ, މެސީގެ ވާދަވެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އޭނާ އެ އަދަދު ހަމަކުރީ ސެޕްޓެންބަރު 2024 ގައި ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިއާ ދެކޮޅަށެވެ. އޭރު ރޮނާލްޑޯގެ އުމުރަކީ 39 އަހަރެވެ. މިހާރު ރޮނާލްޑޯގެ ޖުމުލަ ގޯލުގެ އަދަދަކީ 960 އެވެ.

މެސީގެ ގޯލު ރެކޯޑަށް ބަލާއިރު, ބާސެލޯނާއަށް ކުޅުނު 17 އަހަރު ތެރޭގައި ކުޅުނު 778 މެޗުން 672 ގޯލު ޖަހާފައިވެ އެވެ. އަދި ޕީއެސްޖީ އަށް ކުޅުނު 75 މެޗުން 32 ގޯލު, މިހާރު ކުޅެމުން އަންނަ އިންޓަ މިއާމީ އަށް ކުޅުނު 92 މެޗުން 81 ގޯލު ޖެހި އިރު, މެސީ ވަނީ އާޖެންޓީނާއަށް 115 ގޯލު ޖަހައިދީފަ އެވެ.