މި އަހަރުގެ ރަމަޟާން މަހު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ހުރިހާ ފަރާތްތަކަށް ބަހައި ނިންމާލާފައިވާ ކަމަށް މޯލްޑިވްސް ޒަކާތް ހައުސް އިން ބުނެފި އެވެ.
ޒަކާތް ހައުސް އިން ބުނީ، މި އަހަރު ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ކޮންމެ މީހަކަށް 6,000 ރުފިޔާ ބަހާފައިވާ ކަމަށެވެ.
ޒަކާތް ބެހި މީހުންގެ ތެރޭގައި ފަގީރުންގެ ގޮތުގައި ހިމެނޭ 62 ޔަތީމު ކުދިންވެސް ހިމެނޭއިރު، މިއީ ރާއްޖޭގެ ތާރީހުގައިވެސް ޒަކާތުގެ ގޮތުގައި މީހަކަށް އެންމެ ގިނަ ފައިސާ ބެހި އަހަރު ކަމަށް ޒަކާތް ހައުސް އިން ބުނެ އެވެ.
ޒަކާތް ހައުސް އިން ބުނީ، މި އަހަރު ޒަކާތުގެ ގޮތުގައި 14 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭގެ ތެރެއިން 13,896,000 ރުފިޔާ ސީދާ ހައްގުވެރިންނަށް ބެހުމަށް ކަނޑައަޅައި، އެ ފައިސާ ދީފައިވާ ކަމަށްވެސް ބުންޏެވެ.



