އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑުކުނަލެއް ބަހައްޓައިފި، ގޮތް ނިންމެވީ ރައީސް މުއިއްޒު

ނިއު ޔޯކުގައި ހުންނަ އދ. ގެ މައި މަރުކަޒުގައި ރާއްޖޭގެ ތުނޑުކުނަލެއް ބަހައްޓައިފި އެވެ. މިއީ ރާއްޖޭގެ އުފެއްދުމެއް އދ. ގައި ބެހެއްޓި ފުރަތަމަ ފަހަރެވެ.

ފޮރިން މިނިސްޓްރީން ބުނީ، މިއީ ރާއްޖެ އިން އދ ގެ މައި މަރުކަޒަށް ހަދިޔާ ކުރި ހަނދާނީ ހަދިޔާއެއް ކަމަށެވެ. އަދި ރާއްޖޭގެ ތުނޑުކުނަލެއް އދ. ގެ މައި މަރުކަޒުގައި ބެހެއްޓުމަށް ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒު 2024 ވަނަ އަހަރު އދ. ގެ އާންމު މަޖިލީހުގެ ޖަލްސާ އަށް ނިއު ޔޯކަށް ކުރެއްވި ޒިޔާރަތުގައި ކަމަށް ބުންޏެވެ.

އދ.ގެ މައި މަރުކަޒުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ތުނޑުކުނާ އިފުތިތާހު ކޮށްދެއްވީ ރާއްޖެއިން އދ. އަށް ކަނޑައަޅުއްވައިފައި ހުންނަވާ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދެވެ.

ފޮރިން މިނިސްޓްރީން ބުނީ، މި ތުނޑުކުނަލަކީ ރާއްޖެގެ މިނިވަންކަމަށް 60 އަހަރު ފުރުމާއި ރާއްޖެ، އދ.ގެ މެންބަރަކަށް ވީތާ 60 އަހަރު ފުރުމުގެ ހަނދާނުގައި އދ.ގެ މައި މަރުކަޒުގައި ދިވެހި ފަންނު ވެރިކަން ދައްކާލުމަށް ތައްޔާރު ކުރި ކުނަލެއް ކަމަށެވެ.

އދ. ގައި ބެހެއްޓި ތުނޑުކުނާ ފަރުމާކޮށް ވިޔުނީ، ތުނޑުކުނާ ވިޔުމަށް ރާއްޖޭގެ އެންމެ މަޝްހޫރު، ގދ ގައްދޫގެ ބޭފުޅެއް ކަމަށްވެސް ބުންޏެވެ.