އީރާނުގެ ދެ މިސައިލު ހަމަލާއެއް ޑިއޭގޯ ގާސިއާއަށް 

އިންޑިއާ ކަނޑުގައި އޮންނަ ޑިއޭގޯ ގާސިއާގައި ހުންނަ ހުންނަ އެމެރިކާ އާއި އިނގިރޭސިވިލާތުގެ ގުޅިފައިވާ އަސްކަރީ މަރުކަޒަކަށް އަމާޒުކޮށް އީރާނުން ދެ މިސައިލް ހަމަލާ ފޮނުވާލައިފިއެވެ.

އެމެރިކާގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓުތައް ބުނާގޮތުގައި ޗާގޯސް ޖަޒީރާތަކުގެ ތެރޭގައި ހިމެނޭ ޑިއޭގޯ ގާސިއާގައި ހުންނަ މަރުކަޒަށް ފޮނުވާލި އެ މިސައިލުތައް އެ މަރުކަޒަށް އަމާޒުވެފައެއް ނުވެއެވެ.

އޭގެ ތެރެއިން އެއް މިސައިލް ދަތުރުކުރަމުން ދަނިކޮށް ފެއިލްވި އިރު، އަނެއް މިސައިލް ވައްޓާލުމަށް އެމެރިކާގެ ހަނގުރާމަމަތީ އުޅަނދަކުން އެސްއެމް-3 އިންޓާސެޕްޓަރެއް ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް، އެ އިންޓާސެޕްޓަރުގެ ސަބަބުން މިސައިލް ވެއްޓުނީތޯ ނުވަތަ ނޫންތޯ އަދި ސާފުވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

އެ ހަމަލާ ދީފައިވަނީ، އެމެރިކާގެ އަސްކަރިއްޔާއަށް އެ ސަރަހައްދުގައި ހުރި ބޭސްތައް ބޭނުންކުރުމުގެ ހުއްދަ ދިނުމުގައި އިނގިރޭސިވިލާތުން އަމަލުކުރީ ’ލަސް’ކޮށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑުވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

އިނގިރޭސި ބޮޑުވަޒީރު ކިއާ ސްޓާމާގެ އޮފީހުން ބުނީ، އީރާނުން ހޮރްމޫޒް ކަނޑުއޮޅި ބަންދުކުރަން އުޅޭ މައްސަލައާއި އީރާނުން ވިޔަފާރި އުޅަނދުތަކަށާއި މަދަނީ ވަސީލަތްތަކަށް (ތެލާއި ގޭހުގެ ވަސީލަތްތައް ހިމެނޭހެން) ދެމުންދާ ހަމަލާތަކާ ބެހޭގޮތުން ވަޒީރުން ހުކުރު ދުވަހު މަޝްވަރާކުރެއްވި ކަމަށެވެ. އަދި ސަރަހައްދުގެ ދިފާއުގައި އެމެރިކާއިން އިނގިރޭސި ބޭސްތައް ބޭނުންކުރުމުގެ އެއްބަސްވުމުގައި، ހޮރްމޫޒް ކަނޑުއޮޅީގައި އުޅަނދުތަކަށް ހަމަލާދޭން ބޭނުންކުރާ މިސައިލް ސައިޓްތައް ނައްތާލުމަށް އެމެރިކާއިން ކުރާ ދިފާއީ މަސައްކަތްތައް ހިމެނޭކަން އެ ފަރާތްތަކުން ކަށަވަރުކޮށްދިނެވެ.

މިއަހަރު ކުރީކޮޅު ޑިއޭގޯ ގާސިއާ މޮރިޝަސްއަށް ކުއްޔަށް ދިނުމުގެ އެއްބަސްވުން ސްޓާމާ ވަނީ ލަސްކުރައްވައިފައެވެ. އިނގިރޭސިވިލާތާއި އެމެރިކާއިން 1970 ގެ އަހަރުތަކުން ފެށިގެން ޑިއޭގޯ ގާސިއާގައި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުން އަންނަނީ އެތަނުގެ އަސްލު ވަޒަންވެރިން ކަމަށްވާ ޗާގޯސިއަނުން ގަދަކަމުން އެތަނުން ބޭރުކުރުމަށްފަހުއެވެ.

އެ އެއްބަސްވުމަށް ޓްރަމްޕް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ހުކުރު ދުވަހު ވައިޓް ހައުސްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ”އެމީހުން ބޭނުމެއް ނުވި އަހަރެމެން އެ ޖަޒީރާ ބޭނުންކުރާކަށް، ކޮންމެވެސް ސަބަބަކާ ހުރެ އެތަނުގެ ހައްގުތައް އެމީހުން ދޫކޮށްލީ،“ ކަމަށެވެ.

ޑިއޭގޯ ގާސިއާއަށް ދިން ހަމަލާއަކީ، ތިން ހަފުތާ ކުރިން ފެށުނު ހަނގުރާމައަށްފަހު އީރާނުން ދިން އެންމެ ދުރު ރާސްތާގެ މިސައިލް ހަމަލާއެވެ. އީރާނުގެ ހާރިޖީ ވަޒީރު އައްބާސް އަރަގްޗީ މީގެ ކުރިން ވިދާޅުވެފައިވަނީ އެ ގައުމުގެ އަސްކަރިއްޔާގެ ބެލިސްޓިކް މިސައިލްގެ ރާސްތާ 2،000 ކިލޯމީޓަރަށް ލިމިޓްކޮށްފައިވާ ކަމަށެވެ. ނަމަވެސް ޑިއޭގޯ ގާސިއާއަކީ އީރާނާ ގާތްގަނޑަކަށް 4،000 ކިލޯމީޓަރު ދުރުގައި އޮންނަ ތަނެކެވެ.

އެކްސްގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ، އިނގިރޭސިވިލާތުގެ ރައްޔިތުންގެ ބޮޑު ބައެއް، އިޒްރޭލާއި އެމެރިކާއިން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ބައިވެރިވާން ބޭނުންނުވާ ކަމަށެވެ. ”އަމިއްލަ ރައްޔިތުންނަށް އިހުމާލުވެ، ސްޓާމާ މިދަނީ އިނގިރޭސި ބޭސްތައް އީރާނާ ދެކޮޅަށް ހަމަލާތައް ދިނުމަށް ބޭނުންކުރުމުގެ ހުއްދަ ދީގެން އިނގިރޭސިންގެ ފުރާނަ ނުރައްކަލަށް ހުށަހަޅަމުން، އީރާނުން އަމިއްލަ ދިފާއުގައި މަސައްކަތް ކުރުމުގެ ހައްގު ބޭނުންކުރާނެ.“ އޭނާ ވިދާޅުވިއެވެ.