އަންނަ ޖޫން މަހު ގިރާވަރުފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ގިރާވަރުފަޅުން ހިއްކުމަށް ހަމަޖެހިފައިވަނީ 160 ހެކްޓަރުގެ ބިމެވެ. އޭގެ ތެރެއިން 54 ހެކްޓަރުގެ ބިން ހިއްކުމަށްފަހު، އެތަން ހިއްކުމުގެ މަސައްކަތް ވަނީ މަޑުޖެހިފައެވެ. ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް މިދިޔަ ޖެނުއަރީ މަހުގެ 30 ގައި އަލުން ވަނީ ފަށައިފައެވެ.
ރައީސް މުއިއްޒު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންމެ ދުވަހަކުވެސް ގިރާވަރުފަޅުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އޭޕްރިލް މަހު ބިން ހިއްކައި އެއްކޮށް ނިމި، ސާވޭކޮށް ނިންމައި ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީ) އިންނެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ގޯތި ލިބުނު ފަރާތްތަކަށް ގޯތި ދޫކުރުމަށް މިދިޔަ ޖެނުއަރީ މަހު ވަނީ އަލުން ގުރުނެގުން ވެސް ކުރިއަށްގެންގޮސްފައެވެ. އެތަނުން ދޫކުރުމަށް ހަމަޖެހިފައިވަނީ 1250 އަކަފޫޓުގެ 2605 ގޯއްޗާއި، 1650 އަކަފޫޓުގެ 1213 ގޯއްޗާއި، 2050 އަކަފޫޓުގެ 253 ގޯތި އަދި 2450 އަކަފޫޓުގެ އެއް ގޯއްޗެވެ.



