ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުން މިއަދު ބުނީ އެެމްޕީއެލްއާ ދިމާ ބޭރުގައި، އެ ކުންފުނީގެ ޓަގު ބޯޓަކާއި ލޯންޗެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު، މިއަދު ދުވަހުގެ ހެނދުނު 10:39 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
އެ އެކްސިޑެންޓްގައި ލޯންޗުގެ ކެޕްޓަނަށް އަނިޔާވެގެން އައިޖީއެމްއެޗްއަށް ގެންގޮސް ފަރުވާދެމުންދާ ކަމަށާއި ކެޕްޓަނަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށް މިހާތަނަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެކްސިޑެންޓް ހިނގި އިރު ލޯންޗުގައި ތިބީ ކެޕްޓަންގެ އިތުރުން ތިން ފަޅުވެރިން ކަމަށާއި އެ އެކްސިޑެންޓްގެ ސަބަބުން ލޯންޗަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



