މިދިޔަ ހަފުތާގައި ވެސް އެސްޓީއޯ އިން ތެލުގެ އާ ދެ ޝިޕްމަންޓު ގެނައި: ސައީދު 

މިދިޔަ ހަފުތާގައި ވެސް އެސްޓީއޯ އިން ތެލުގެ އާ ދެ ޝިޕްމަންޓު ގެނެސްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

އެމެރިކާ އާއި އިޒްރޭލުން އީރާނަށް ހަމަލާދިނުމާ ގުޅިގެން ފެށުނު ހަނގުރާމައިގެ ސަބަބުން ގަލްފުގެ ގައުމުތަކުން ތެޔޮ ބޭރުކުރުން ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލުވެފައެވެ. ހާއްސަކޮށް އީރާނުން ހޮރުމުޒް ކަނޑުއޮޅި ބަންދުކުރުމާ ގުޅިގެން ހުރިހާ ގައުމަކަށް ވެސް ވަނީ އެކަމުގެ ދަތިތަކާ ކުރިމަތިލާން ޖެހިފައެވެ.

މިނިސްޓަރު ސައީދު އެކްސްގައި ރޭ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އުފުލެމުން ދިއުމުގެ އިތުރަށް، ތެޔޮ ސަޕްލައި ކުރުމަށްވެސް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ހާލަތުގެ އަސަރު ދިވެހި ގައުމާއި ރައްޔިތުންނަށް ކުރާވަރު ވީހައިވެސް ކުޑަކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ހަރުދަނާ ވިސްނުންފުޅާއެކު، ވަރަށް ހަލުވިކޮށް އަދި ރޭވުންތެރިކަމާއެކު ސަރުކާރުން ފިޔަވަޅުތައް އަޅުއްވައި، އެސްޓީއޯއިން އެ ގެންދަނީ ރާއްޖެއަށް ބޭނުންވާ ތެލުގެ ސްޓޮކް ހުސްނުވާނޭ ގޮތުގެމަތީން ދަމަހައްޓަމުން ކަމަށެވެ.

އެސްޓީއޯއިން ތެޔޮ ގެންނަނީ ރާއްޖޭގެ ޑިމާންޑަށް ބަލައި، އަދި އޭގެ އިތުރަށް ދުރާލާ ސަޕްލަޔަރުންނާއެކު އެސްޓީއޯއިން އެއްބަސްވެފައިވާ ”ނޮމިނޭޝަން“ އެރޭންޖްމެންޓުގެ ދަށުން ކަމަށާއި އެގޮތުން މިދިޔަ ހަފުތާވެސް މިހާރު ތެލުގެ އާ ދެ ޝިޕްމެންޓެއް ރާއްޖެ ގެނެސްފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ.

މިނިސްޓަރު ސައީދު ވިދާޅުވީ އެސްޓީއޯއިން ސަޕްލަޔަރުންނާއެކު އެއްބަސްވެފައިވާ ނޮމިނޭޝަނާއި ތާރީހުތަކާ އެއްގޮތަށް، ތެލުގެ އިތުރު ޝިޕްމެންޓްތައްވެސް ވަނީ ރާއްޖެއަށް ގެނައުމަށް ޝެޑިއުލް ކުރެވިފައި ކަމަށެވެ. އެހެންކަމުން އެއްވެސް ދަތިކަމެއް ނެތި، ތެލާއި ގޭސް އަދި ކާޑުގެ ބާވަތްތަކާއި ރައްޔިތުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި ރާއްޖެއަށް ގެނެސް ރަައްޔިތުންނަށް ލިބެން ހުންނާނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށް ސައީދު ވިދާޅުވިއެވެ.

ދުނިޔޭގެ ތެލުގެ އަގު ބޮޑުވުމާ ގުޅިގެން ރާއްޖެއިން ވެސް ވަނީ ތެލުގެ އަގުބޮޑުވެފައެވެ. އެކަމުގެ ސަބަބުން އާންމު ދަތުރުފަތުރުގެ ހިދުމަތްދޭ ބައެއް ފަރާތްތަކުން ދަނީ ޓިކެޓުތަކުގެ އަގު ބޮޑުކުރަމުންނެވެ. އަދި މާލެއެކޭ އެއްގޮތަށް އެސްޓީއޯ އިން ތެޔޮ ވިއްކަމުންދިޔަ ނަމަވެސް، ރަށްރަށުގައި އަމިއްލަ ވިޔަފާރިތަކުން ދަނީ އަގުތައް އެއަށްވުރެ މަތިކުރަމުންނެވެ.