ރާއްޖެ އެތެރެކުރަން އުޅުނު ނުވަ މިލިއަން ރުފިިޔާގެ މަސްތުވާތަކެތި އަތުލައިގެންފި 

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު ނުވަ މިލިއަން ރުފިިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން މިއަދު އެކްސްގައި އާންމުކޮށްފައިވާ މައުލޫމާތުގައިވާގޮތުން މިދިޔަ ހުކުރު ދުވަހު ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 11 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ވަނީ އަތުލައިގެންފައެވެ. އެތަކެތީގެ މަގުމަތީގެ އަގު 9.6 މިލިއަން ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

އަތުލައިގަނެފައިވާ ތަކެތީގެ ތެރޭގައި ހިމެނެނީ ކެނަބިސް ފަތާއި ހަޝިޝް އޮއިލްއެވެ. އެތެރެކޮށްފައިވާ ކެނަބިސް ފަތުގެ ބަރުދަނަކީ 5373 ގްރާމް (ފަސް ކިލޯއަށްވުރެ) އެވެ. އޭގެ މަގުމަތީގެ އަގަކީ 4،296،000 (4.2 މިލިއަން) ރުފިޔާއެވެ.

އޭގެ އިތުރުން އަތުލައިގަނެފައިވާ ހަޝިޝް އޮއިލްގެ ބަރުދަނަކީ 6590 ގްރާމް (ހަ ކިލޯއަށްވުރެ ގިނަ) އެވެ. އޭގެ މަގުމަތީގެ އަގަކީ 5،272،000 (5.2 މިލިއަން) ރުފިޔާއެވެ.