އެ މަނިކުފާނުގެ ސަރުކާރަކީ އިންތިހާބާ ގުޅުވައިގެން ކަންކަން ކުރާނެ ސަރުކާރެއް ނޫން ކަމަށާއި ފަހުންވެސް ނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި, ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް އެތައް ވަޒީފާއެއް ބަހަމުންދާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ, އިންތިހާބާ ދިމާކޮށް ކަންކަން ކުރި ބަޔަކީ މިދިޔަ އެމްޑީޕީ ސަރުކާރު ކަމަށެވެ.
އެގޮތުން އެ ސަރުކާރުގައި އެތައް ބަޔަކަށް ފެނަކައިން ވަޒީފާތައް ދިން ކަމަށާއި އެކަމުގެ ސަބަބުން މަސްވެރިކަންވެސް ހުއްޓުނު ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވީ, މި ސަރުކާރުން ވަޒީފާތަކަށް މީހުން ހޯދަނީ ޕްރޮޖެކްޓްތައް ހިންގުމަށް އެކަނި ކަމަށާއި އެއީ އެ ޕްރޮޖެކްޓްތައް ހުއްޓިއްޖެ ނަމަ, ކޮންޓްރެކްޓަރަށާއި ރައްޔިތުންނަށް ގެއްލުންތަކެއް ލިބިދާނެތީ ކަމަށެވެ. އަދި އެގޮތަށް ހޯދަން އިއުލާންކުރާ ވަޒީފާތަކަކީ ބަޖެޓް ކޮށްގެން ކަމަށްވެސް ވިދާޅުވި އެވެ.
”އަޅުގަނޑަކީ އިންތިހާބާ ގުޅިގެން ކަމެއްކުރާ މީހެއް ނޫން. އަޅުގަނޑު ގޮއްސިންތޯ އިންތިހާބާ ގުޅިގެން އެއްވެސް ރަށަކަށް ކެމްޕެއިނަށް. އެހެންވީމަ އިންތިހާބަކާ ގުޅިގެން މި ސަރުކާރަކުން ނުކުރާނެ އެއްވެސް ކަމެއް. އިންތިހާބާ ގުޅިގެން ކަންކުރާ ބައެއް ނޫން މިއީކީ,“ ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ, އަތޮޅުތެރޭގެ ރަށްތަކަށް އެ މަނިކުފާނު ވަޑައިގަތީ އިންތިހާބަކާ ގުޅިގެން ނޫން ކަމަށާއި މާލޭގެ އަވަށްތަކުގައި ރައްޔިތުންނާ ބައްދަލުކުރެއްވީވެސް އިންތިހާބަކާ ގުޅިގެން ނޫން ކަމަށެވެ. އަދި މި ސަރުކާރުން ޕްރޮޖެކްޓްތައް ފަށަނީ އިންތިހާބާ ގުޅުވައިގެން ނޫން ކަމަށް ވިދާޅުވި އެވެ.



