ތިން ހަފުތާވީ ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން އީރާނާއެކު މަޝްވަރާ ކުރަމުންދާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުއްޖެއެވެ.
މިއީ އެމެރިކާއާއި އިޒްރޭލުން މިދިޔަ މަހުގެ 28 ގައި އީރާނަށް ހަމަލާތައް ދޭން ފެށި ފަހުން، ދެ ފަރާތުގެ ދެމެދުގައި މިފަދަ މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރެވުނުކަން ރައީސް ޓްރަމްޕް ފާހަގަކުރެއްވި ފުރަތަމަ ފަހަރެވެ. މި ހަމަލާތަކުގެ ސަބަބުން އީރާނުގެ އަސްކަރިއްޔާއަށާއި ވެރިންނަށް ބޮޑެތި ގެއްލުންތަކެއް ލިބި، ދުނިޔޭގެ ހަކަތައިގެ މައްސަލަތައް އުފެދި، އިގުތިސާދީ ގޮތުން ބޮޑެތި ދަތިތައް ވަނީ ކުރިމަތިވެފައެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމު ޓްރޫތު ސޯޝަލްގައި ޓްރަމްޕް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާއި އެމެރިކާއިން ދަނީ ”މެދުއިރުމަތީގައި އުފެދިފައިވާ ހަނގުރާމަ މުޅިން ނިމުމަކަށް ގެނައުމަށް“ މަޝްވަރާ ކުރަމުން ކަމަށެވެ. އަދި އީރާނުގެ ހަކަތައިގެ އުމްރާނީ ވަސީލަތްތަކަށް ދޭން ރާވާފައިވާ ހަމަލާތައް ފަސް ދުވަހަށް މަޑުޖައްސާލުމަށް އަސްކަރިއްޔާއަށް އަންގާފައިވާ ކަމަށާއި، އެކަން ބިނާވެފައިވަނީ ”ކުރިއަށްދާ މަޝްވަރާތަކުގެ ކާމިޔާބީގެ މައްޗަށް“ ކަމަށް ވިދާޅުވިއެވެ.
ޓްރަމްޕްގެ އެ އިއުލާނާއެކު މާކެޓްތަކަށް ހެޔޮ ބަދަލުތަކެއް އައިސް، ހަކަތައިގެ އަގުތައް ދަށަށް ދާން ވަނީ ފަށައިފައެވެ. އިންވެސްޓަރުން ގަބޫލުކުރާ ގޮތުގައި، އީރާނުން ކަނޑުމަގުން މުދާ އުފުލުމަށް ހުރަސްއެޅުން ވަރަށް އަވަހަށް ނިމުމަކަށް އަންނާނެއެވެ. މިއަދު ހެނދުނުގެ ހާލަތަށް ބަލާ އިރު، ލަންޑަންގެ އެފްޓީއެސްއީ 100 އިންޑެކްސް 0.5 ޕަސެންޓް މައްޗަށް ވަނީ ގޮސްފައެވެ. އެމެރިކާގެ އެސް އެންޑް ޕީ 500 އަދި ޑައު ޖޯންސް އިންޑެކްސް 2.5 ޕަސެންޓް މައްޗަށް ޖެހިލި އިރު، ބްރެންޓް ކްރޫޑް ތެލުގެ އަގު 10 ޕަސެންޓަށްވުރެ ބޮޑުތަނުން ދަށަށް ގޮސް، 100 ޑޮލަރުން ދަށަށް ވަނީ ވެއްޓިފައެވެ.
ސަރަހައްދީ ގައުމުތަކުގެ ލީޑަރުން ހަނގުރާމަ ހުއްޓާލުމަށް ގޮވާލަމުންދާ އިރު، އޮމާނުގެ ފޮރިން މިނިސްޓަރު ބަދުރު އަލްބޫސައިދީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އީރާނާ މެދު ދެކޭ ގޮތް ކޮންމެ ގޮތަކަށް ހުރި ނަމަވެސް، މި ހަނގުރާމައަކީ އެމީހުން އުފެއްދި ހަނގުރާމައެއް ނޫން ކަމަށެވެ. އަދި މީގެ ސަބަބުން އިގުތިސާދީ ގިނަ މައްސަލަތަކެއް ކުރިމަތިވެފައިވާ ކަމަށާއި ހަނގުރާމަ ދިގުލައިގެން ދާނަމަ ހާލަތު އިތުރަށް ގޯސްވާނެ ކަމުގެ ބިރު އޮތް ކަމަށް ވިދާޅުވިއެވެ. އޮމާނާއި ގަތަރުން ދަނީ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރަމުންނެވެ.



