ގަލޮޅުގައި ހުންނަ ގެއެއްގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު ގ. ހިޔާރޯދިގޭގެ ފުރަތަމަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
އެ އަލިފާނުގެ ހާދިސާއާ ގުޅިގެން ފުލުހުން ހައްޔަރުކޮށްފައިވަނީ ލ. މާބައިދޫ، ސަބުނަމްހައުސް، ހުސައިން ޝަހްބާން (29އ) އެވެ.
ފުލުހުން ބުނީ އޭނާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ފަސް ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށާއި އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ.
އަލިފާނުގެ ހާދިސާ ހިނގުމުގެ ވަގުތުކޮޅެއް ކުރިން ގ. ހިޔާރޯދިގޭގެއަށް މީހަކު ވަންނަ ވީޑިއޯއެއް ވެސް ދާދިފަހުން ސޯޝަލް މީޑިއާގައި ވަނީ އާންމުވެފައެވެ. އަދި އޭނާ އެ ގޭގައި ގަސްދުގައި ރޯކޮށްލާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.



