ކުރީގެ ޑެޕިއުޓީ ޕޮލިސް ކޮމިޝަނަރު ޝަކޫރު އަވަހާރަވެއްޖެ

ދިވެހި ދައުލަތަށް ގިނަ ދުވަހު ހިދުމަތް ކުރެއްވި، ޑެޕިއުޓީ ކޮމިޝަނަރު އޮފް ޕޮލިސް (ރިޓަޔަރޑް) އަބްދުއްޝަކޫރު އަބްދުﷲ އަވަހާރަވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި އުމުރުން 75 އަހަރުގައި ޝަކޫރު އަވަހާރަވީ ކެންސަރު ބައްޔަށް އިންޑިއާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.

ޝަކޫރު އެންމެ ފުރަތަމަ ހިދުމަތް ކުރެއްވީ ނޭޝަނަލް ސެކިއުރިޓީ ސާވިސް (އެންއެސްއެސް) ގައެވެ. އެއީ 30 ޑިސެންބަރު 1965 އިން ފެށިގެން 31 އޮގަސްޓު 2004ގެ ނިޔަލަށެވެ. އެންއެސްއެސްގައި ޝަކޫރު ފުރަތަމަ އަދާކުރެއްވީ ސިފައިންގެ މީހެއްގެ ވަޒީފާ އެވެ. އޭގެފަހުން އެންއެސްއެސްގެ 4 ނަންބަރު ސަރުދާރު ކަމާއި ކޯޕްރަލް ކަމާއި ސާޖަންޓް ކަމާއި ސްޓާފް ސާޖަންޓް ކަމާއި ލެފްޓިނަންޓް ކަމާއި ފަސްޓް ލެފްޓިނަންޓް ކަމާއި ކެޕްޓަން ކަމާއި މޭޖާކަމުގެ ރޭންކް ފުރުއްވާފައިވެ އެވެ. އެންއެސްއެސްގައި އެންމެފަހުން ހުންނެވީ، ލެފްޓިނަންޓް ކާނަލް ކަމުގެ ރޭންކުގައި، ސިފައިންގެ ސްޓާފް ބޯޑުގެ މެންބަރެއްގެ ގޮތުގައެވެ.

ސިފައިންގެ ހިދުމަތުގައި ޝަކޫރު ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި 3 ނޮވެންބަރު 1988 ގައި ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އުދުވާނީ ހަމަލައިގެ ތަހުގީގުގައި ހާއްސަ ދައުރެއް އަދާކުރެއްވި އެވެ. ޝަކޫރު ސިފައިންގެއަށް ކޮށްދެއްވާފައިވާ ހިދުމަތްތަކުގެ އަގު ވަޒަންކުރައްވައި 8 ކުލައާއި 8 މެޑަލް ލިބިވަޑައިގެންފައިވެ އެވެ.

އޭގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ހާއްސަ ހިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ ކުލަ، އިހުލާސްތެރި ހިދުމަތުގެ ކުލަ، ސިފައިންގެ ހިދުމަތުގެ ކުލައިގެ އިތުރުން އަހުލާގީ ކުލަ ދެފަހަރަށް ލިބިވަޑައިގެންފައިވެ އެވެ.

ލިބިވަޑައިގެންފައިވާ މެޑެލްތަކުގެ ތެރޭގައި، ރައީސުލްޖުމްހޫރިއްޔާގެ މެޑެލް، މަތިވެރި ހިދުމަތުގެ މެޑެލް، ދިގު މުއްދަތެއްގައި ހިދުމަތް ކުރުމުގެ މެޑެލް، އިހުލާސްތެރި ހިދުމަތުގެ މެޑެލް، އަހުލާގީ މެޑެލް، 3 ނޮވެންބަރުގެ މެޑެލް އަދި ސައްތައިގެ މެޑެލް ހިމެނެ އެވެ. ފަހުން ފުލުހުންގެ ހިދުމަތުގައި ހޭދަކުރެއްވި އިރު، ފުލުހުންގެ މެޑެއްޔާއި ސުނާމީ ކާރިސާގެ މެޑެލްވެސް ޝަކޫރު ހާސިލުކުރައްވާފައިވެ އެވެ.

ޝަކޫރު ފުލުހުންގެ ހިދުމަތަށް ބަދަލުވެވަޑައިގަތީ 1 ސެޕްޓެންބަރު 2004 ގައެވެ. އޭނާ ފުރަތަމަ ހަމަޖެއްސެވީ ފުލުހުންގެ ސީނިއާ ޑެޕިއުޓީ ކޮމިޝަނަރުގެ ރޭންކަށެވެ. އޭގެ ފަހުން ފުލުހުންގެ ޕްރޮމޯޝަން ބޯޑުގެ ޗެއާމަންކަމާއި ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުގެ އިސްވެރިޔާގެ މަގާމާއި ޑިސިޕްލިނަރީ ބޯޑުގެ ވައިސް ޗެއާމަންކަން ކުރެއްވި އެވެ.

އަދި 5 އޮގަސްޓް 2008 އިން ފެށިގެން ރިޓަޔާ ކުރެއްވުމާ ހަމައަށް ހުންނެވީ ޑެޕިއުޓީ ކޮމިޝަނަރުގެ ރޭންކުގައެވެ. ފުލުހުން ހިދުމަތުގައި 43 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތްކުރެއްވުމަށްފަހު ޝަކޫރު ރިޓަޔާކުރެއްވީ 4 މާރިޗު 2009 ގައެވެ.