ރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި އެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ސިޔާދަތީ ބާރުތަކާ ގުޅޭ މައުލޫމާތު ޑިފެންސް މިނިސްޓްރީން އާންމުކޮށްފިއެވެ.
ޑިފެންސް މިނިސްޓްރީން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ ގައުމުތަކުގެ ކަނޑުގެ ސަރަހައްދުތައް ކަނޑައެޅިފައިވާ ގޮތާއި އެ ސަރަހައްދުތަކުގައި ލިބިދޭ އާންމު ހައްގުތަކާއި ޒިންމާތައް ބަޔާންކުރާ ބައިނަލްއަގުވާމީ މުއާހަދާއަކީ ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ދަ ލޯ އޮފް ދަ ސީ (އަންކްލޯސް) ކަމަށެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކުގައި ރާއްޖެއަށް ލިބިދޭ ހައްގުތަކާއި އިހުތިޔާރުތައް ބަޔާންކުރާ ގާނޫނަކީ ”ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނު“ ކަމަށާއި އެ ގާނޫނުގައި ބަޔާންކުރާ ގޮތުން، ރާއްޖޭގެ ބިމާއި ބިމާ ގުޅިފައިވާ ވައިގެ ސަރަހައްދުގެ އިތުރަށް ރާއްޖޭގެ އެތެރޭ ކަނޑާއި، އާކިޕެލަޖިކް ކަނޑާއި، ސަރަހައްދީ ކަނޑާއި، އެ ކަނޑުތަކުގެ އަޑީގައިވާ ފަސްގަނޑާއި، އެ ކަނޑުތަކާ ގުޅިފައިވާ ވައިގެ ސަރަހައްދަކީ ރާއްޖޭގެ ސިޔާދަތީ ބާރުގެ ދަށުގައިވާ ތަންތަން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން ބުނީ ގައުމުތަކުގެ ވައިގެ ސަރަހައްދުތަކާއި ވައިގެ ދަތުރުފަތުރުގައި އަމަލުކުރާ މައިގަނޑު އުސޫލުތައް ބަޔާންކުރާ ”ކޮންވެންޝަން އޮން އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން“ (ޗިކާގޯ ކޮންވެންޝަން) ގައި ބަޔާންކުރާ ގޮތުން ގައުމުތަކުގެ ސަރަހައްދީ ކަނޑާއި ގުޅިފައިވާ ވައިގެ ސަރަހައްދަކީ އެ ގައުމުގެ ސިޔާދަތީ ބާރު ހިނގާ، އަދި އެ ސަރަހައްދަށް ވަނުމުގެ ކުރިން ހުއްދަ ހޯދަންޖެހޭނެ ސަރަހައްދެއް ކަމަށެވެ.
އެއަށްވުރެ ބޭރުގެ ވައިގެ ސަރަހައްދަކީ އިންޓަނޭޝަނަލް އެއާ ސްޕޭސް ކަމަށާއި އެކި ގައުމުތަކަށް ކަނޑައަޅާފައިވާ ފްލައިޓް އިންފޮމޭޝަން ރީޖަން (އެފްއައިއާރް) ހިމެނޭ ސަރަހައްދުގައި އެއާ ޓްރެފިކް ކޮންޓްރޯލްގެ ހިދުމަތް ފޯރުކޮށްދޭންޖެހޭ އިރު، އެ ސަރަހައްދު ކަނޑައެޅިފައިވާ އެންމެ މުހިންމު ބޭނުމަކީ ވައިގެ ދަތުރުފަތުރުގެ ސަލާމަތާއި ރައްކާތެރިކަން ގާއިމުކޮށްދިނުން ކަމަށް މިނިސްޓްރީން ބުންޏެވެ.
މިނިސްޓްރީން އިތުރަށް ބުނީ އިންޓަނޭޝަނަލް އެއާސްޕޭސްގެ ތެރޭގައި ހިމެނޭ އެފްއައިއާރް ސަރަހައްދަށް ވަނުމަށް ގައުމެއްގެ ހުއްދަ ހޯދަން ނުޖެހުނު ކަމުގައިވިޔަސް، އެއާ ޓްރެފިކް ކޮންޓްރޯލް ހިދުމަތްތަކުން އެފަދަ ދަތުރުތަކާ ގުޅޭ މައުލޫމާތު ހިއްސާކޮށް، މޮނިޓާކުރަމުންދާނެ ކަމަށެވެ.
އެމެރިކާ އާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ހަމަލާތަކާ ގުޅިގެން އުފެދިފައިވާ ހަނގުރާމައިގައި ރާއްޖޭގެ ވައިގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދައަށް އެދުނު ނަމަވެސް، އެ ހުއްދަ ދީފައިނުވާނެ ކަމަށް ސަރުކާރުން ދާދިފަހުން ވަނީ ބުނެފައެވެ.
ހަނގުރާމައާ ގުޅިގެން ފިޔަވަޅުތައް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެކުލަވާލައްވާފައިވާ މިނިސްޓަރުންގެ މައްޗަށް އެކުލެވޭ ހާއްސަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ހަލީލު އެކަން ފާހަގަކުރެއްވި ނަމަވެސް، ހުއްދައަށް އެދުނު ގައުމެއް ހާމައެއް ނުކުރައްވައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން ވެސް ވިދާޅުވެފައިވަނީ، ހަނގުރާމައިގެ ސަބަބުން އަސްކަރީގޮތުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް އޮތް ކަަމަށް ނުފެންނަ ކަމަށެވެ. އަދި އެއްވެސް ބޭނުމަކަށް އެއްވެސް ގައުމަކަށް ރާއްޖޭގެ ވަޔާއި ކަނޑު އަދި އެއްވެސް ސަރަހައްދެއް ނުދޭގޮތަށް ސަރުކާރުން ނިންމި ނިންމުމާ އެއްގޮތަށް މިއަދުވެސް ތިބި ކަމަށް މިނިސްޓަރު ވިދާޅުވެފައިވެއެވެ.



