ދެ އަހަރުތެރޭ 111 ކުއްޖަކު އާއިލީ މާހައުލަށް ބަދަލުކުރި

ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު މިދިޔަ ދެ އަހަރުތެރޭ އާއިލީ މާހައުލަކަށް ބަދަލުކޮށްފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނޮވެމްބަރު 17، 2023 ވަނަ އަހަރު ވެރިކަމާ ހަވާލުވި ފަހުން މިހާތަނަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި 111 ކުއްޖަކު އާއިލީ ވެށްޓަކަށް ބަދަލުކޮށްފައިވާ ކަމަށެވެ.

އެ ކުދިން ބަދަލުކުރެވިފައިވަނީ އެ ކުދިންގެ އަމިއްލަ އާއިލާތަކަށް ނުވަތަ ފޮސްޓާ އާއިލާތަކަށް ކަމަށާއި އެ މަސައްކަތުގެ މައިގަނޑު މަގުސަދަކީ ކުދިން މަރުކަޒުތަކުގައި ބޭތިއްބުމުގެ ބަދަލުގައި، އާއިލީ ލޯތްބާއި ރައްކާތެރިކަމުގެ ތެރޭގައި އެ ކުދިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެ ސިޔާސަތު އިތުރަށް ހަރުދަނާކުރުމަށްޓަކައި، މާލީ އެހީތެރިކަން ބޭނުންވާ ކުދިންނަށް މަހަކު އިތުރު 5,000 ރުފިޔާ ލިބޭގޮތަށްވެސް ސަރުކާރުން ހަމަޖައްސައިދީފައިވާ ކަމަށެވެ.

އަދިވެސް ދައުލަތުގެ ބެލުމުގެ ދަށުގައި 156 ކުދިން އެބަތިބި ކަމަށާއި، އެ ކުދިންނަށް ވެސް އާއިލީ މާހައުލެއް ހޯދައިދިނުމަށް އާންމުންގެ އެއްބާރުލުން ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.