ފޮސްޓާ ކުރާ ބެލެނިވެރިންނަށް އަންނަ މަހުން ފެށިގެން ހާއްސަ ޗުއްޓީއެއް

ނޫސްވެރިންގެ ބައްދަލުވުމުގައި ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވާހަކަދައްކަވަނީ -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ފޮސްޓާކުރާ ބެލެނިވެރިންނަށް އަންނަ މަހުން ފެށިގެން ހާއްސަ ޗުއްޓީއެއް ދޭން ނިންމައިފިއެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ގެނައި މި ބަދަލަކީ، ވަޒީފާ އަދާކުރާ ފޮސްޓާ ޕޭރެންޓުންނަށް ދިމާވާ ދަތިތަކަށް ހައްލެއް ހޯދައިދިނުމަށް ނިންމެވި މުހިންމު ނިންމެވުމެއް ކަމަށެވެ.

ހާއްސަކޮށް ތުއްތު ކުދިން ފޮސްޓާ ކުރާ އިރު، އެ ކުދިންގެ ސިއްހީ ކަންކަމަށް ގިނަ ވަގުތު ބޭނުންވުމުގެ ސަބަބުން ވަޒީފާއިން ވަގުތު ގެއްލިދާނެތީ ނުވަތަ އަމިއްލަ ޗުއްޓީ ހުސްވެދާނެތީ ބެލެނިވެރިން ކުރާ ކަންބޮޑުވުންތަކަށް މި ބަދަލާއެކު ނިމުމެއް އަންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި ޗުއްޓީގެ ސަބަބުން ހޮސްޕިޓަލްގެ ކަންކަމާއި މެޑިކަލް ޗެކަޕްތަކަށް ކުއްޖާ ގެންދިއުމުގައި ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެ ކަމަށް ވެސް ވިދާޅުވިއެވެ.

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ހަމައެކަނި މެޑިކަލް ކަންކަމަށް ނޫން ނަމަވެސް، ކުއްޖާއާއެކު އޮންނަ ލޯތްބާއި ގާތްކަން އިތުރުކުރުމަށްޓަކައި ބޭނުންވާ ވަގުތު ހޯދައިދިނުމަށް ”ނޮން-މެޑިކަލް ލީވް“ އެއް ދިނުމާ ގުޅޭގޮތުން ވެސް މިހާރު ދަނީ މަޝްވަރާކުރެވެމުންނެވެ.