އޭސީޕީ ހުސައިން ރަޝީދުގެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައެއް ނުވޭ: ފުލުހުން 

ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑް، އެސިސްޓަންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ހުސައިން ރަޝީދުގެ މައްސަލައެއް ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި އެހެން ބުނެފައިވަނީ، ”އަދަދު“ ނޫހުން ޝާއިއުކުރި ހަބަރަކާ ގުޅިގެންނެވެ. އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި މީގެ 10 އަހަރު ކުރިން އަހަރު ކުރިން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ވަނީ ހުސައިން ރަޝީދުގެ މައްސަލައެއް ބަލައި، ފިޔަވަޅު އަޅާފައިވާ ކަމަށް ރިޕޯޓުކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ އޭސީޕީ ހުސައިން ރަޝީދުގެ މައްސަލައެއް މީގެ 10 އަހަރު ކުރިން ބަލައި ފިޔަވަޅު އަޅާފައިވާ ކަމަށް ބައެއް މީޑިއާތަކުން ގެނެސްދީފައިވަނީ ސައްހަ ނޫން މައުލޫމާތެއް ކަމަށެވެ.

ހުސައިން ރަޝީދުގެ އެއްވެސް މައްސަލައެއް ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުން ބަލައި، ނުވަތަ އެއްވެސް މައްސަލައަކާ ގުޅިގެން ސުވާލުކޮށް އެއްވެސް އިރެއްގައި އޭނާއާ މެދު އެއްވެސް ބާވަތެއްގެ ފިޔަވަޅެއް އަޅާފައި ނުވާކަން ރެކޯޑުތަކުން ސާފުވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ހެޑްގެ މަގާމަށް ހުސައިން ރަޝީދު އައްޔަނުކޮށްފައިވަނީ އެކަމަށް ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ.