ބަންގްލަދޭޝްގައި ކޯރެއްގެ ތެރެއަށް ބަހެއް ވެއްޓި 23 މީހުން މަރު، ގިނައީ އަންހެނުންނާއި ކުޑަކުދިން

ބަންގްލަދޭޝްގެ ކޯރެއްގެ ތެރެއަށް ބަސް ވެއްޓެމުން ދަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ---

ބަންގްލަދޭޝްގައި ކޯރެއްގެ ތެރެއަށް ބަހެއް ވެއްޓި އޭގެން ދަތުރުކުރި 23 މީހުން މަރުވެއްޖެ އެވެ.

ބަންގްލަދޭޝްގެ ޕްރޮތޮމް އަލޯ ނޫހުގައި ރިޕޯޓް ކޮށްފައިވާ ގޮތުން އެ ބަސް ރަޖްބަރީ ޑިސްޓްރިކްޓުގެ ޕަދްމާ ކޯރުގެ ތެރެއަށް ވެއްޓުނީ ޓްރާންސްޕޯޓް ފެރީއަކަށް އަރަން އުޅުމުގެ ތެރޭގައެވެ. ހާދިސާ ހިނގި އިރު, އެ ބަހުގައި 50 މީހުން ދަތުރު ކުރަމުންދިޔަ ކަމަށްވެސް އެ ނޫހުގައި ބުނެފައިވެ އެވެ.

ބަންގްލަދޭޝްގެ ޑެއިލީ ސްޓާ ނޫހުގައި ބުނެފައިވާ ގޮތުން ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 11 އަންހެނުންނާއި އަށް ކުދިން އަދި ހަތަރު ފިރިހެނުންނެވެ. އަދި ބަހުން ދަތުރުކުރި އެހެން މީހުން ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެ އެވެ.