ފަރުހާދާއި ޓޫފޯ ހިމެނޭހެން ތިން ބޭފުޅަކު ޕޮލިސް ކޮމިޝަނަރުކަމަށް ކުރިމަތިލައްވައިފި 

ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ތިން ބޭފުޅަކު ކުރިމަތިލައިފިއެވެ.

ޕޮލިސް ކޮމިޝަނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މިދިޔަ މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ. ނަވީން އިސްތިއުފާދެއްވުމުން ވަގުތީގޮތުން ޕޮލިސް ކޮމިޝަނަރުގެ ޒިންމާތައް އަދާކުރައްވަނީ ޑެޕިއުޓީ ކޮމިޝަނަރު ފަރުހާދު ފިކުރީއެވެ.

އެނގިފައިވާ ގޮތުގައި ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގެ ތެރޭގައި އެ މަގާމަށް ކުރިމަތިލައްވާފައިވަނީ ފަރުހާދާއި އެސިސްޓަންޓް ކޮމިޝަނަރު އަހުމަދު މުހައްމަދު (ޓޫފޯ) އަދި އެސިސްޓެންޓް ކޮމިޝަނަރު އަބްދުﷲ ޝަރީފެވެ.

މި ސަރުކާރުގައި މިހާތަނަށް ދެ ބޭފުޅަކު ވަނީ ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމު ފުރުއްވައިފައެވެ. ނަވީންގެ ކުރިން އެ މަގާމު އަދާކުރެއްވި އަލީ ޝުޖާއު، އިސްތިއުފާދެއްވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޕޮލިސް ކޮމިޝަނަރުކަމުގެ މަގާމަށް ޝައުގުވެރިކަން ފާޅުކުރެއްވި ބޭފުޅުންގެ ތެރެއިން ފަރުހާދަކީ، މީގެ ކުރިން ޝުޖާއު އިސްތިއުފާދެއްވުމުން ވެސް މަގާމަށް ކުރިމަތިލެއްވި ބޭފުޅެކެވެ.