ހިޔާލު ހޯދާ ވޯޓު ހުއްޓުވާ މައްސަލަ ހުކުމަކާ ހިސާބަށް 

ސުޕްރީމް ކޯޓުގައި ކުރިއަށްދިޔަ، ހިޔާލު ހޯދާ ވޯޓު ހުއްޓުވާ މައްސަލައިގެ އަޑުއެހުމުގެ ތެރެއިން --

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ހިޔާލު ހޯދަން ނަގަން ނިންމާފައިވާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނެގުމަށް ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށްބުނެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ނިންމާލައިފިއެވެ.

ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައަކީ ހިޔާލު ހޯދުމުގެ ވޯޓު ނެގުމަށް ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައި ހިމަނާފައިވާ ސުވާލު ގާނޫނުއަސާސީއާ ހިލާފު ކަމަށް ކަނޑައަޅައިދިނުމަށެވެ. އެ މައްސަލަ ހުށަހެޅުއްވީ އެމްޑީޕީގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އަހުމަދު އައިކް އީސާ އާއި އިބްރާހީމް ޝިޔާމެވެ.

ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ގަރާރުގައިވާ ގޮތަށް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލު އިންތިހާބާއެކު ބާއްވާ ހިޔާލު ހޯދުމުގެ ވޯޓުގައި އަހާ ސުވާލަކީ، ”ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި މަޖިލީހުން ފާސްކޮށްފައިވާ ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރެއްވުމަށް ފެނޭ ހެއްޔެވެ؟“ އެވެ.

މިއަދު ފެށި އެ އަޑުއެހުމުގައި ޝިޔާމް ވިދާޅުވީ، ދެ އިންތިހާބު އެއްކޮށްލާގޮތަށް ގާނޫނުއަސާސީއަށް އަށްވަނަ އިސްލާހު ގެނައުމުގެ ބިލުގައި، ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ އިމުގެ ބޭރުންވެސް ކަންކަން ހިމަނާފައިވާ ކަމަށާއި އެހެންކަމުން މުޅި ބިލު ތަސްދީގުކުރަން ފެނޭތޯ އެހުމަކީ ގާނޫނުއަސާސީއަށް ގެނެވޭ ހަގީގީ ބަދަލު ރައްޔިތުންނަށް ވަންހަނާވެގެންދާ ގޮތަށް ފަރުމާކޮށްފައިވާ ސުވާލެއް ކަމަށެވެ.

އެކަމާ ގުޅިގެން ވޯޓުގައި ކުރަން ހިމަނާފައިވާ ސުވާލަކީ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) އިން އާއްމު ވޯޓު ނެގުމަށް ލާޒިމުކުރާ އުސޫލުތަކުގެ ތެރެއިން ފަރުމާކޮށްފައިވާ ސުވާލަކަށް ނުވާތީ އެ ސުވާލުގެ މައްޗަށް ބިނާކޮށް ހިޔާލު ހޯދުމުގެ އާއްމު ވޯޓު ބާއްވައިގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ، ވޯޓުގައި ސުވާލު ކުރަންވާނީ ބިލު ތަސްދީގުކުރުމަށް ފެނޭތޯއެއް ނޫން ކަމަށާއި ސުވާލުގައި ހިމަނަންވާނީ ގާނޫނު އަސާސީގެ 262 ވަނަ މާއްދާގައި ލިސްޓް ކޮށްފައިވާ މާއްދާއަކަށް ގެންނަ ބަދަލު ގެނައުމަށް ރުހޭތޯ ކަމަށެވެ. އެގޮތުން މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ އުމުރު ފަސް އަހަރަށްވުރެ ކުރު ކުރުމަށް ހިމަނާފައިވާތީ، މަޖިލީހުގެ އުމުރު ކުރުކުރަން ފެނޭތޯ އާއްމު ވޯޓުގައި އަހަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

އަޑުއެހުމުގައި ބަންޑާރަ ނައިބުގެ އޮފީހުގެ ވަކީލު ހައްވާ ސަނާ ވިދާޅުވީ ސުވާލު އޮންނަންވީ ވަކި ގޮތެއް ގާނޫނުއަސާސީގައި ކަނޑައަޅާފައިނުވާ ކަމަށާއި އެއީ ރައީސުލްޖުމްހޫރިއްޔާއަށް ދޫކޮށްލާފައިވާ ކަމެއް ކަމަށެވެ. އެހެންކަމުން އާންމު ވޯޓުގެ ސުވާލު މިހާރު ފަރުމާކޮށްފައި އޮތީ، ގާނޫނުއަސާސީގެ 262 ވަނަ މާއްދާއާ ހިލާފަށް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އަޑުއެހުން ނިންމަވައިލައްވަމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި އުއްތަމަ ފަނޑިޔާރު އަބްދުލް ގަނީ މުހައްމަދު ވިދާޅުވީ، މައްސަލައިގެ އަޑުއެހުންތައް ނިމުނީ ކަމަށާއި އިތުރަށް ކަމެއް އޮޅުންފިލުވަން ނެތްނަަމަ ދެން އޮންނާނީ މައްސަަލައިގެ ހުކުމް ކުރުން ކަމަށެވެ.