އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް ދޭން ހަމަޖެހިފައިވާ ހަމަލާތައް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަސްކުރެއްވުމާއެކު ތެލުގެ އަގުތައް ދަށަށް ހިނގައްޖެއެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލުމަށް 48 ގަޑިއިރުގެ މުހުލަތެއްދީ، މީގެ ކުރިން ޓްރަމްޕް ވަނީ ވަރުގަދަ އިންޒާރެއް ދެއްވައިފައެވެ. އީރާނުން އެގޮތަށް އަމަލުނުކޮށްފި ނަމަ، އެ ގައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތަކަށް ހަމަލާދީ ސުންނާފަތިކޮށްލާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވައިފައެވެ.
އެމެރިކާ އާއި އިޒްރޭލާ ގުޅިގެން އީރާނަށް ދިން ހަމަލާއާ ގުޅިގެން ފެށިފައިވާ ހަނގުރާމައާއެކު ދަތިކުރުމުގެ ފިޔަވަޅެއްގެ ގޮތުން އީރާނުން ވަނީ ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. ދުނިޔޭގެ ތެލާއި ލިކުއިފައިޑް ނެޗުރަލް ގޭސް (އެލްއެންޖީ) ގެ ގާތްގަނޑަކަށް 20 އިންސައްތަ މުދާ އުފުލާ އުޅަނދުތައް ދަތުރުކުރަނީ އެ ކަނޑުއޮޅިންނެވެ. އެހެންކަމުން، އެއީ ދުނިޔޭގެ ހަކަތައިގެ ސަޕްލައިއަށް ވަރަށް މުހިންމު ސަރަހައްދެކެވެ.
ޓްރަމްޕްގެ ސޯޝަލް މީޑިއާ ޕްލެޓްފޯމް ”ޓްރުތު“ގައި އިއްޔެ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީރާނުގެ ސަރުކާރުގެ އެދުމުގެ މަތީން، ހަކަތައިގެ މަރުކަޒުތަކަށް ދޭން ހަމަޖެހިފައިވާ ހަމަލާތައް ދިހަ ދުވަހަށް ފަސްކުރަން ނިންމަވާފައިވާ ކަމަށެވެ.
އީރާނުގެ ހަކަތައިގެ މަރުކަޒުތަކަށް އެމެރިކާއިން ދޭން ރާވާފައިވާ ހަމަލާތައް ދޭނެ ސުންގަޑި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފަސްކުރެއްވުމާ ގުޅިގެން ތެލުގެ އަގުތައް ވަނީ ދަށަށް ގޮސްފައެވެ.
ތެލުގެ އަގުތަކަށް ބަލާ އިރި، މިއަދު ބްރެންޓް ކްރޫޑް އޮއިލްގެ އަގު 1.5 އިންސައްތަ ދަށަށް ގޮސް، ފީފާއެއް ވިއްކަނީ 93.07 ޑޮލަރަށެވެ. އަދި ވެސްޓް ޓެކްސަސް އިންޓަމީޑިއޭޓް (ޑަލްބިލިޔުޓީއައި) ގެ އަގު 1.8 އިންސައްތަ ދަށަށް ގޮސް ހުރީ 106.12 ޑޮލަރަށެވެ.
އީރާނާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން ބްރެންޓް ކްރޫޑްގެ އަގު ގާތްގަނޑަކަށް 50 އިންސައްތަ އުފުލިފައިވާ އިރު، ޑަލްބިލިޔުޓީއައިގެ އަގު ވަނީ ގާތްގަނޑަކަށް 40 އިންސައްތަ އުފުލިފައެވެ.



