ރާއްޖޭގައި މިހާރު ކުރިއަށްދާ 20 އަހަރުންދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ނޭޕާލް އަތުން އެއްވަރުވެ, ރާއްޖެއިން މުބާރާތާ އަލްވަދާއު ކިޔައިފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ”ގްރޫޕު އޭ“ގެ މެޗުގައި ނޭޕާލް އަތުން ރާއްޖެ އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗަށް ނުކުތް އިރު, ރާއްޖެއަށް ސެމީ ފައިނަލުގެ ހަނި އުންމީދެއް އޮތް ނަމަވެސް, އެ ނަތީޖާއާ ގުޅިގެން ހުރިހާ ފުރުސަތެއް ވަނީ ބަންދުވެފައެވެ. ނޭޕާލާއެކު ދެވަނަ ޓީމެއްގެ ގޮތުގައި ސެމީއަށް ދަތުރުކުރާ ޓީމެއް ކަށަވަރުވާނީ މިރޭ ސްރީ ލަންކާ އާއި ބޫޓާން ބައްދަލުކުރާ މެޗަށްފަހުއެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ލަންކާއަށް ފުރުސަތު ހޯދެން އެބައޮތެވެ.
އެ މެޗުގެ ފުރަތަމަ ހާފުގައި ރާއްޖެއިން ވަނީ ގޯލެއް ޖަހައި ލީޑު ހޯދައިފައެވެ. ވަރަށް ހުސްކޮށް ހުއްޓައި ލިބުނު ބޯޅައެއް, ހާނި އޭންގަލްއަކުން ނޭޕާލުގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ރާއްޖެއަށް އެ ގޯލު ކާމިޔާބުކޮށްދިނީ ކެޕްޓަން މުހައްމަދު އިލާން އިމްރާނެވެ. މުބާރާތުގައި ރާއްޖެއިން ޖެހި ތިން ގޯލު ވެސް ކާމިޔާބުކޮށްދިނީ އިލާންއެވެ.
ނޭޕާލުން ވެސް ރާއްޖޭގެ ގޯލަށް ނުރައްކާކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް, ރާއްޖޭގެ ޑިފެންސް ފެނުނީ ވަރުގަދަކޮށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރާއްޖެ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ރަނގަޅު ކުޅުމެއް ދެއްކިފައެއް ނުވާ އިރު, ދެ ޓީމުން ވެސް ޑިފެންސަށް މަސައްކަތްތަކެއް ކުރިއެވެ.
މެޗު ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް, ނޭޕާލުން ވަނީ ގޯލެއް ޖަހައި ރާއްޖޭގެ ހަނި އުންމީދު ވެސް ގެއްލުވާލައިފައެވެ. ހިލޭ ޖެހުމެއްގެ ތެރެއިން ޕެނަލްޓީ އޭރިއާ ތެރެއިން ލިބުނު ބޯޅައެއް ރާއްޖޭގެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ނޭޕާލަށް އެ ގޯލު ކާމިޔާބުކޮށްދިނީ ނިޝާން ރާޖް ލަވަތުއެވެ.
މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ރާއްޖެއަށް އަލުން ލީޑު ހޯދުމަށް ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ޕެނަލްޓީ އޭރިއާ ތެރޭ ހުރެ, އިލާން ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ނޭޕާލް ގޯލުގެ ހުރަސް ދަނޑިމަތިން ބޭރަށެވެ.
”ގްރޫޕު އޭ“ގެ ޕޮއިންޓު ތާވަލަށް ބަލައިލާ އިރު, އެއްވަނައިގައި ނޭޕާލް އޮތީ ކުޅުނު ތިން މެޗުން ހޯދި ހަތް ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ލަންކާއަށް ދެ މެޗުން ތިން ޕޮއިންޓު ލިބިފައިވާ އިރު, ތިންވަނައިގައި އޮތް ރާއްޖެ ނިންމާލީ ދެ ޕޮއިންޓާއެކުއެވެ. އަދި ބޫޓާނަށް ދެ މެޗުން ލިބިފައިވަނީ އެއް ޕޮއިންޓެވެ.
”ގްރޫޕު ބީ“ ގައި ތިން ޓީމެއް ހިމެނޭ އިރު, ބާކީ އެއް މެޗު އޮއްވައި ސެމީގެ ޖާގަތައް އިންޑިއާ އާއި ބަންގުލަދޭޝް އިން ވަނީ ކަށަވަރުކޮށްފައެވެ. ޕާކިސްތާން ވަނީ މުބާރާތާ އަލްވަދާއު ކިޔައިފައެވެ.



