ޣައްޒާގެ ހުޅަނގުގައި ހުންނަ އަލް މަގޫސީ ސަރަހައްދުގެ ވަގުތީ ހިޔަލެއްގައި ނިދާފައި އޮތް، އެއްމަސް ނުފުރޭ ތުއްތު ކުއްޖަކަށް ބޮޑު މީދަލެއް ހަމަލާދީފި އެވެ.
އުމުރުން އެންމެ 28 ދުވަހުގެ އެ ތުއްތުކުއްޖާގެ ބައްޕަ ޔޫސުފް ބުނި ގޮތުގައި ރޭ ދަންވަރު އޭނާއަށް ހޭލެވުނީ ދަރިފުޅު ވަރަށް ބާރަށް ރޮއިގަތް އަޑަށް ކަމަށެވެ.
”ދަރިފުޅު ގާތަށް ދިޔައިރު މުޅި މޫނު އޮތީ ލެއިން ފުރިފައި. ބޮޑު މީދަލެއް ފޭލިގެއިން ބޭރަށް ދުވެފައި ދަނިކޮށް ފެނުނު،“ ޔޫސުފް ކިޔައިދިނެވެ.
ތުއްތު ކުއްޖާއަށް މިހާރު ދަނީ އަލް-ރަންތީސީ ކުޑަކުދިންގެ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މީދާ ފަދަ ޖަނަވާރުން ދަތްއެޅުމުން އުފެދޭ އިންފެކްޝަންތަކަކީ ނުރައްކާތެރި އެއްޗެކެވެ. އެހެންކަމުން ތުއްތު ކުއްޖާގެ ހާލަތު ދަނީ ވަރަށް ގާތުން ބަލަމުންނެވެ.
މި ތުއްތުކުއްޖާގެ އާއިލާއަކީ ހަނގުރާމައިގެ ސަބަބުން ޝައިޚް ރަޟްވާންގައި ހުރި އެ މީހުންގެ ގެދޮރު ހަލާކުވުމުން، ގެދޮރު ގެއްލި އެތައް ފަހަރަކު އެކި ތަންތަނަށް ހިޖުރަކުރަން ޖެހިފައިވާ އާއިލާއެކެވެ. މިހާރު ދިރިއުޅޭ ފޭލިގެއަކީ ފިނިންނާއި ވާރޭގެ އިތުރުން މީދަލާއި އެހެނިހެން ސޫފިތަކުން ސަލާމަތްވެވޭނެ އެއްވެސް ވަސީލަތެއް ނެތް ނިކަމެތި ތަނެކެވެ.
ޣައްޒާގެ ވަގުތީ ކޭމްޕްތަކުގައި ކުނި ގިނަވުމާއި ނަޖިސް ފެން ހަރުލާފައި ހުރުމުގެ ސަބަބުން މިފަދަ ޖަނަވާރުތަކުގެ ނުރައްކާ ވަނީ އިންތިހާއަށް އިތުރުވެފަ އެވެ.



