ވެރިކަމުގެ ދައުރު ދަންމާލާކަށް ނޫޅެން، އެކަމެއް ނުވެސް ކުރާނަން: ރައީސް

ރިޔާސީ ދައުރު ދަންމާލުމުގެ އެއްވެސް މަސައްކަތެއް ނުކުރައްވާ ކަމަށާއި އެކަމެއް ނުވެސް ކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ބައްދަލުވުމެއްގައި ޒުވާނަކު ވަނީ، އިދިކޮޅު ފަރާތްތަކުން މާލޭގެ މަގުތަކުގައި ދަމާފައިވާ ބެނާތަކުގައި ރިޔާސީ ދައުރު ދަންމާލަން ރައީސް އުޅުއްވާ ކަމަށް ލިޔެފައިވާތީ އެއީ ތެދު ވާހަކައެއްތޯ ރައީސްއާ ސުވާލު ކުރައްވައިފަ އެވެ.

އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ އެކަހަލަ އެއްވެސް ވިސްނުމެއް ނެތް ކަމަށާއި މި ގައުމުގައި މި ނަގަން އުޅޭ ހިޔާލު ހޯދުމުގެ ވޯޓުގައި އޮންނާނީ މަޖިލީހުގައި މިހާރު މި ހިނގާ ދައުރު ކުރުކޮށްލުމުގެ ސުވާލު ކަމަށެވެ.

”ވޯޓު މި އަހަނީ މިހާރު އޮތް މަޖިލީހުގެ ދައުރު ކުރުކޮށްލާފައި ދެ އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރައްޔިތުންނަށް ފެންނަ ކަމެއްތޯ، އާނއޭކޭ ނުވަތަ ނޫނެކޭ، އެއަށް އެއްޗެއް ވިދާޅުވެދެއްވާށޭ. މިއަކު ނާދޭ ރިޔާސީ އިންތިހާބު ދިގުކުރާ ވާހަކައެއް، ދިގުކުރާ ވާހަކައެއް، އެހެންކަމެއް. ނޫން، އެކަހަލަ ކަމެއް ކުރާކަށް ނުވެސް އުޅެން، ނުވެސް ކުރާނަން،“ އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމުން، އެކަމުން ފައިދާތައް ނޫން އެހެން އެއްވެސް ކަމެއް ނެތް ކަމަށާއި އޭރުން ހަރަދުތައް ކުޑަވެ، ޑިމޮކްރަސީ އިތުރަށް ހަރުދަނާވެ، އިންތިހާބުވެގެންދާނީ މިނިވަން އިންތިހާބަކަށް ކަމަށެވެ.