ސަރުކާރުގެ އެންމެ ބޮޑު އެއް އަމާޒަކީ ހަރުދަނާ ދަރީންތަކެއް ތިބި، ގައުމަށް ބޭނުންތެރި ހިދުމަތްތެރީންތަކެއް އުފައްދާ ތަނަކަށް ފުލުހުންގެ މުއައްސަސާ އަބަދުމެ ވުންކަމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ ފުލުހުންގެ ދުވަހުގެ މުނާސަބަތުގައި އެކްސްގައި އެ މަނިކުފާނުގެ ރަސްމީ އެކައުންޓު މެދުވެރިކުރައްވައި ދުވަހުގެ ތަހުނިޔާ ފޮނުއްވަމުންނެވެ.
މިއަދަކީ މި ގައުމަށްޓަކައި ރެޔާއިދުވާލު ހިންމަތާއެކު ހިދުމަތްކުރަމުންދާ ނޫ ލަޝްކަރުގެ ދުވަސްކަން ފާހަގަކުރައްވައި ރައީސް ވަނީ، އެ ހިދުމަތް އުފެދުނީއްސުރެ މިއަދާ ހަމައަށް އެކި ދުވަސްވަރު މަގާމުގެ ވާޖިބު އަދާކުރެއްވި ކޮންމެ ފުލުހަކަށާއި އާއިލާއަށް ނުހަނު ލޯތްބާއެކު ތަހުނިޔާއާއި ޝުކުރު ދަންނަވައިފަ އެވެ.
އަދި މި ގައުމުގެ ރީތިކަމާއި ހިތްފަސޭހަކަން ދެކޭ ކޮންމެ ދޭސީއަކާއި ބިދޭސީއަކަށްވެސް އަމާންކަމާއި އިތުބާރު ރާއްޖެއިން ކަށަވަރުކޮށްދިނުމުގައި ފުލުހުންނަކީ ޒިންމާ އަދާކުރާ، ގާބިލު ބައެއްގެ ގޮތުގައި ދެމިތިބުމަށް އެދިވަޑައިގަންނަވާ ކަމަށްވެސް ވިދާޅުވި އެވެ.



